ފޯޅަވަހީގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަށް ރައްދުވާގޮތަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ސުވާލު ފައްޗެއް ކުރައްވައިފިއެވެ.
ޗާގޮސް މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލައި އ.ދ އިން ފާސްކުރި ގަރާރާ ދެކޮޅަށް މީގެކުރިން ރާއްޖެއިން ވޯޓު ދިން ނަމަވެސް އެ ނިންމުން ކުއްލިއަކަށް ބަދަލުކުރުމުން ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލިގެން ހިނގައިދާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ވާހަކަ ދައްކަމުންނެވެ.
އެކަމާ ގުޅިގެން މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވަނީ ފޯޅަވައްސަކީ ރާއްޖޭގެ ތަނެއް ކަމަށާއި، އެތަން ދޫކުރެވެން ނެތްކަމަށް ވިދާޅުވެފަ އެވެ. އަދި ފޯޅަވަހީގެ މައްޗަށް މޮރިޝަސްގެ ސިޔާސީ ބާރުވެރިކަން އޮތްކަމަށް ބުނާބުނުމަށް ރާއްޖެއިން އެއްބަސް ނުވާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
“އަޅުގަނޑުގެ މައިގަނޑު ވާހަކައަކީ، އަޅުގަނޑުމެންގެ (ދިވެހިރާއްޖޭގެ) ތަނެކޭ ފޯޅަވެއްސަކީ. ފޯޅަވެއްސަކީ އަޅުގަނޑުމެންގެ ތަނެކޭ، އެހެންވީމާ އެތަން އަޅުގަނޑުމެންނަކަށެއް ދޫކުރެވޭކަށް ނެތޭ.” ރައީސް ނަޝީދު ވިދާޅުވި އެވެ.
މި ވާހަކަތަކާ ގުޅިގެން ފައްޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ފޯޅަވައްސަކީ ރާއްޖޭގެ ބަޔެއް ކަމަށް ދެކިލައްވާނަމަ ފޯޅަވައްސާ ރާއްޖެއާމެދު އިންވަކި ކުރުމަށް މޮރިޝަސްއާއެކު އެއްބަސްވީ ކީއްވެގެންތޯ ސުވާލު ކުރައްވާފަ އެވެ. އަދި އިދިކޮޅު ޕާޓީތަކުން ސަރުކާރުގެ ސްޓޭންޑާއިމެދު ސުވާލު އުފައްދާތީ 2017 ގަ އައިސީޖޭ ގައި މޮރިޝަޝް އަށް ފޯޅަވަހި ދޭން ނިންމި އިރު އޭރުގެ ސަރުކާރުން ދައުވާ ނުކުރީ ކީއްވެގެންތޯސް ފައްޔާޒު ސުވާލު ކުރެއްވި އެވެ.
“އޭރުގެ ޑިފންސް މިނިސްޓަރު ކީއްބާ ކުރެއްވީ ފޯޅަވެހި ރާއްޖޭގެ ތަނެއް ކަމަށް ދެކި ގެއްލި ދިޔައިރު. 1992 ގަ އޭރުގެ އެޓާނީ ޖެނެރަލް ކީއްވެތޯ އިނގިރޭސިވިލާތާއެކު ދިވެހިރާއްޖެއާ ފޯޅަވަހީގެ ބައުންޑަރީ ކަނޑައެޅުމަށް ވާހަކަދެކެވުނީ.” ފައްޔާޒް ސުވާލު ކުރެއްވި އެވެ.
ޗާގޮސް މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލައި އ.ދ އިން ފާސްކުރި ގަރާރާ ދެކޮޅަށް ރާއްޖޭން މީގެކުރިން ނެގި ސްޓޭންޓް ބަދަލުކުރި ނަމަވެސް ސަރުކާރުން ވަނީ މިއީ ތަފާތު ދެ މައްސަލައެއް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އދ. ގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓުދިން ނަމަވެސް ޓްރައިބިއުނަލްގައި ހިނގަމުންދާ މައްސަލާގައި ރާއްޖޭގެ ސްޓޭންޑް ބަދަލުނުވާ ކަމަށްވެސް ވަނީ ބުނެފަ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...