ފުލުހުންގެ ބަންދުގައި ހުއްޓާ ކުއްލި ގޮތަކަށް ނިޔާވި ގދ. ހޯޑެއްދޫ ޢަބްދުﷲ ރަޝީދުގެ ހަށިގަނޑު، އޭނާގެ ޢާއިލާގެ ފަރާތުން ދިނުމަށް އެދިއެދި އޮއްވާ އަދި އާޢިލާގެ ރުހުމަކާނުލައި، ޕޯސްޓްމޯޓަމް ހެދުމަށް އަންނަ ހޯމަ ދުވަހު ރާއްޖޭން ބޭރަށް ގެންދަން މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ. ރަޝީދުގެ އާއިލާއިން އަންނަނީ ފުރަތަމަ ދުވަހުން ފެށިގެންވެސް ރަޝީދުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމާ ދެކޮޅު ހަދަމުންނެވެ.
ރަޝީދުގެ ހަށިގަނޑު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި ގަލޮޅު ސަހަރާގެ މޯޗަރީގައެވެ. ހަށިގަނޑު ހޯދުމުން އާއިލާއިން ކޯޓަށް މައްސަލަ ހުށަހަޅާ ޝަރީއަތުގެ މަރުހަލާ މިހާރު ފެށިފައިވާއިރު، ހޯމަ ދުވަހު ހަށިގަނޑު ރާއްޖޭން ބޭރަށް ގެންދަން މަސައްކަތް ކުރަމުން އަންނަކަން އެނގުނީ މިހާރު ސިވިލް ކޯޓުގައި ހިނގަމުންދާ މައްސަލައިގެ ތެރެއިންނެވެ.
ރަޝީދުގެ އާއިލާގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރާ ވަކީލާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި ރަޝީދުގެ ހަށިގަނޑު ހޯމަ ދުވަހު ރާއްޖޭން ބޭރަށް ގެންދަން އުޅޭކަން އާއިލާއަށް އަންގާފައެއްވެސް ނުވެއެވެ.
އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އާއިލާއިން އަންނަނީ ޕޯސްޓްމޯޓަމް ހެދުމާ ދެކޮޅު ހަދަމުންނެވެ. ކޯޓުގައި މިހާރު މި މައްސަލަ ހިނގަމުންދާއިރު، ހޯމަ ދުވަހުގެ ކުރިން ކޯޓުން އެކަމުގައި ގޮތެއް ނިންމާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޢަބްދުﷲ ނިޔާވީ ހުވަދު އަތޮޅުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރޭގައި އޭނާ ހައްޔަރުކުރިތާ ގިނަ އިރުތަކެއް ނުވަނީހެވެ. ނިޔާވުމުން އޭނާގެ ހަށިގަނޑު މާލެ ގެނެސް މިހާރު އޮތީ ގަލޮޅު ސަހަރާ މޯޗަރީގައެވެ. އޭނާގެ ހަށިގަނޑު މާލެ ގެނައިއްސުރެ އާއިލާއިން ތަކުރާރުކޮށް އެދެމުން އައީ ހަށިގަނޑު އާއިލާއާ ހަވާލުކުރުމަށެވެ. އެހެންނަމަވެސް ފުލުހުންނާ މެދު އެ މަރާ ގުޅޭ ބޮޑު ތުހުމަތެއް ކުރެވެމުންދާއިރު، އެ މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.
މަރުގެ ސަބަބު ދެނެގަތުމަށް ކުރާ ޓެސްޓް ކަމަށްވާ ޕޯސްޓްމޯޓަމް ހަދާނެ ކަމަށް އެންއައިސީންވަނީ ބުނެފައެވެ. އާއިލާއިން އަންނަނީ ޕޯސްޓް މޯޓަމް ހެދުމާ ދެކޮޅު ހަދަމުންނެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ކުއްލި ގޮތަކަށް ނިޔާވީ ގދ. ހޯނޑެއްދޫ، އަބްދުﷲ ރަޝީދުގެ މަރުގެ ތަހުގީގު ހިނގަމުންދާ ގޮތް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ގާތުން ބައްލަވަމުން ގެންދަވާ ކަމަށް ރައީސް އޮފީހުންވެސްވަނީ ބުނެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...