ވޯލްޑް ކަޕްގެ ޝަރަފުގައި ލިއޮނަލް މެސީ އަށް ލިބޭ އެންމެ ފަހު ފުރުޞަތުގެ ބޭނުން ހިފަން ނުކުންނާނީ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު (މާދަމާރޭ) ދޯހާގެ ލުސައިލް ސްޓޭޑިއަމްގައެވެ. އުމުރުން 35 އަހަރުގެ މެސީ ވަނީ 2026 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގެ ދެން އޮންނަ މުބާރާތުގައި ނުކުޅޭނެކަން ކަށަވަރުކޮށްދީފައެވެ.
ގިނަ ބަޔަކަށް ހީވީ މެސީގެ ކެރިއަރު ނިމިގެން ދިޔައީ 2021 ވަނަ އަހަރުގެ މެދުތެރޭގައި އެފްސީ ބާސެލޯނާ ދޫކޮށްލުމާއި، އަދި އޭގެ ފަހުން ޕެރިސް ސެއިންޓް ޖާމައިންއާއެކު ކްލަބް ފުޓްބޯޅައިގައި ކުޅުނު ފޯމެވެ. އެހެންނަމަވެސް ކްލަބް ކެރިއަރު ކުޑަވަމުން ދިޔައިރު، ލިއޮނަލް މެސީގެ ބައިނަލްއަގްވާމީ ކެރިއަރު ދިޔައީ މަޑުމަޑުން މައްޗަށް ޖެހެމުންނެވެ.

އޭނާގެ ފަސް ވަނަ ވޯލްޑް ކަޕްގައި ކުޅެމުން އަންނަ ލިއޮނަލް މެސީ އަކީ ހުރިހާ ޒަމާނެއްގައިވެސް އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ. އެފަދަ އަނެއްކުޅުންތެރިޔަކީ މިހާރު ކުރިއަށްދާ ވޯލްޑްކަޕްގައި މޮރޮކޯއާ ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލުގައި މުބާރާތް ދޫކޮށްދާންޖެހުނު ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
ލިއޮނަލް މެސީގެ ޝަރަފުގެ ފަހު ފުރުޞަތު ފަހިވެގެން މި އަންނަނީ އޭނާގެ ކެރިއަރުގެ އެންމެ ހަލަބޮލި މަރުހަލާގައި ކަމަށްވާއިރު، ކޮޕާ އެމެރިކާގެ ފައިނަލްގައި ޗިލީއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމުން މާޔޫސްވެ ބައިނަލްއަގްވާމީ ފުޓްބޯޅައިން ކުރު މުއްދަތަކަށް ރިޓަޔާކުރިތާ 6 އަހަރު ފަހުންނެވެ. ފައިނަލުގައި މެސީއަށް ލިބުނު ޕެނަލްޓީއެއް ގެއްލި،ބައިނަލްއަގްވާމީ ތަށި ނުލިބުމުން މެސީއާއި އޭނާގެ ފޭނުން އެކަމާ ދެރަވެ ހިތާމަކުރިއެއެވެ.
2021 ވަނަ އަހަރު އާޖެންޓީނާގެ ޒުވާން ޓީމެއް އެކުލަވާލައި އޭރުގެ އުމުރުން 34 އަހަރުގެ ލިއޮނަލް މެސީ އާޖެންޓީނާއަށް ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ތައްޓެއް އޭނާހޯދައިދިނެވެ. އެއީ ކޮޕައެމެރިކާ ފައިނަލްގައި 1-0 ން ބްރެޒިލް ބަލިކޮށްގެންނެވެ. އާޖެންޓީނާ އިން ވަނީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ވެސް ހަމަ އެ ސްކޮޑް އެކުލަވާލައި، ޒުވާން ކުޅުންތެރިންނާ އެކު، ދުނިޔޭގެ ތަށި ދިފާއު ކުރުމަށް ވަރުގަދަ އަޒުމަކާއެކު ނުކުތެވެ.
2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ގައި ކުޅޭ އާޖެންޓީނާ ޓީމުގެ ގިނަކުޅުންތެރިންނަކީ (އެމީ އާއި ލިސަންޑްރޯ މާޓިނޭޒް ފަދަ ކުޅުންތެރިން، ވަންޑަރކިޑް ޖޫލިއަން އަލްވާރޭޒްއަކީ 2006 ވަނަ އަހަރުގެ ޖޫން މަހު ލިއޮނަލް މެސީ ފުރަތަމަ ވޯލްޑް ކަޕް ކުޅުނުއިރު ފުދޭވަރަކަށް ޒުވާން ކުދިންނެވެ.

ސާބިއާ އާއި މޮންޓެނީގްރޯއާ ދެކޮޅަށް ކުޅުނު މެޗުގައި ގޯލަކާއި އެސިސްޓެއް ޖަހައިގެން ބައިނަލްއަގުވާމީ މައިދާނުގައި ލިއޮނަލް މެސީ ވިދާލި އިރު، މިހާރުގެ އާޖެންޓީނާ ލައިންއަޕްގެ ގިނަ ބަޔަކު ދިޔައީ ސްކޫލަށެވެ. އެއީ އޭރު އެކުދިންގެ މައިންބަފައިން ގަދަކަމުން ހޭލައްވައިގެން ސްކޫލަށް ފޮނުވި ކުޑަކުދިންނެވެ.
އެ އެންމެންގެ ތެރެއިން އެންމެ ޒުވާން ކުޅުންތެރިއަކީ މުބާރާތުގައި އާޖެންޓީނާގެ ކުރިއެރުން ހޯދި އެއް ކުޅުންތެރިޔާ ، އޭރު އުމުރުން އެންމެ 5 އަހަރުގެ އެންޒޯ ފަރްނާންޑޭޒް އެވެ.
އޭނާއާއެކު ގާތްގަނޑަކަށް އެއް އުމުރުފުރާގައި އެލެކްސިސް މެކް އެލިސްޓާ (6)، ޖޫލިއަން އަލްވާރޭޒް (6)، ނަހުއެލް މޮލީނާ (8)، ކްރިސްޓިއަން ރޮމޭރޯ (8)، ލިސަންޑްރޯ މާޓިނޭޒް (8)، ޖުއާން ފޮއިތު (8) އަދި ލައުޓަރޯ މާޓިނޭޒް ވެސް ހިމެނެ އެވެ އުމުރުން 8 އަހަރު.
އާޖެންޓީނާގެ މިޑްފީލްޑަކީ މުބާރާތުގެ އެންމެ ރަނގަޅަށް ފޯމްކޮށްފައިވާ އަދި އެންމެ ޑިސިޕްލިން ޔުނިޓްގެ ތެރޭގައި ހިމެނޭ އެއް ޔުނިޓެވެ. އެ މިޑްފީލްޑުގެ ބޮޑު ބައެއް ކުޅެފައިވަނީ ޕްރީ ޓީންސްގައި ކަމަށްވާއިރު، 2006 ވަނަ އަހަރު މެސީ ދަނޑަށް އެރިއިރު، ފުރަތަމަ ފަހަރަށް އާޖެންޓީނާ ކުޅުންތެރިއެއްގެ ގޮތުގައި ކުޅެފައިވެއެވެ. އެގޮތުން ރޮޑްރިގޯ ޑި ޕޯލް، ލިއަންޑްރޯ ޕަރެޑެސް އަދި ޕައުލޯ ޑައިބާލާގެ އުމުރުން 12 އަހަރުގައި ޤައުމީ ޓީމަށް ކުޅެންފެށިއިރު، މިހާރުގެ ކަނާތު ބެކް ގޮންޒާލޯ މޮންޓިއެލްގެ އުމުރަކީ 9 އަހަރެވެ.

ފުރަތަމަ ވޯލްޑް ކަޕް ކުޅުނުއިރު ލިއޮނަލް މެސީ އަކީ ޓީންއޭޖާ އެކެވެ. އުމުރުގެ ގޮތުން އޭނާއާ ފުދޭވަރަކަށް ގާތް، 30 އަހަރުގެ ކުޅުންތެރިންތަކެއް އާޖެންޓީނާގެ ލައިންއަޕްގައި މެސީއާއިއެކު ކުޅުނެވެ. ނަމަވެސް މިއިން އެއްވެސް ކުޅުންތެރިއަކު 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މެސީއާ އެކު ފައިހަމަ ކޮށްލުމުގެ ފުރުޞަތެއް ނުލިބުނެވެ.
އާޖެންޓީނާގެ ޓީމު ސެމީ ފައިނަލަށް ގެންދިޔުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރި އާޖެންޓީނާގެ ކީޕަރު އެމީ މާޓިނޭޒްގެ އުމުރުން އެންމެ 13 އަހަރުގައި 2006 ވަނަ އަހަރު ނިކޮލަސް ޓަގްލިއާފިކޯއާ އެކު ކުޅެފައިވާއިރު، ކަނާތު ބެކް މާކޯސް އަކޫނާގެ އުމުރަކީ 14 އަހަރެވެ.
ވޯލްޑް ކަޕްގެ ފައިނަލުގައި ފްރާންސާ ދެކޮޅަށް ނުކުންނައިރު، އާޖެންޓީނާގެ ޓީމްގައި ތިބި ގިނަ ކުޅުންތެރިން ބޮޑުވެފައި ވަނީ ކުޑައިރު ލިއޮނަލް މެސީ ކުޅޭތަން ބަލަން ތިބެގެންނެވެ. އެ އިހުސާސް އެންމެ ރަނގަޅަށް ސިފަވަނީ އާޖެންޓީނާގެ ގިނަ ކުޅުންތެރިންތަކެއް މެސީގެ ފަހަތުން އައިސް އެގައުމުގެ ތާރީހުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއަށް ވޯލްޑް ކަޕް ކާމިޔާބު ކުރުން ހައްގު ކަމަށް ބުނެފައިވާތީ އެވެ.
އެކަމަށްޓަކައި އާޖެންޓީނާގެ އާރކް ނެމެސިސް ބްރެޒިލްގެ ކުރީގެ ކެޕްޓަން ރިވާލްޑޯ ވަނީ މެސީއަށް ތަށި ހޯދުން ހައްގު ކަމަށް ބުނެފައެވެ.
“ނޯ ވޯޑްސް ފޯ ޔޫ މެސީ ޔޫ ޑިޒަރވްޑް ޓު ބީ ވޯލްޑް ޗެމްޕިއަން ކުރިން، އެކަމަކު ކަންތައްވާނެ ގޮތެއް ބުނާކަށް ނޭންގެ. ޔޫ ޑިޒަރވް މި ޗެމްޕިއަން،” ރިވާލްޑޯ އޭނާގެ ސޯޝަލް މީޑިއާގައި ލިޔެފައިވެ އެވެ.
އެތައް ގޮތަކުން މި ވޯލްޑް ކަޕަކީ 1986 ވަނަ އަހަރާ އެއްގޮތް ވޯލްޑް ކަޕެކެވެ. އޭރު ގައުމު އޮތީ މަރަޑޯނާގެ ފަހަތުގައެވެ. އަދި މިހާރު މުޅި އާޖެންޓީނާ ބަރޯސާވަނީ ލިއޮނަލް މެސީއަށެވެ. ފުޓްބޯޅައިގެ ސަޕޯޓަރުންނާއި، އެ ޤައުމުގެ ވެރިންވެސް ތިބީ މެސީގެ ފަހަތުގައެވެ. އިންތިޒާރުކުރަނީ މާދަމާރޭގެ ފައިނަލް މެޗްގެ ނަތީޖާއަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...