ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނީ ރައީސް ނަޝީދު ކަމަށާއި މިއިންތިޚާބަށް އެމަނިކުފާނު ނުކުންނެވީ މިއިންތިޚާބުގައި ރައީސް ސޯލިހަށް އެންމެ %20 ވޯޓްވެސް ނުލިބޭނެ ކަމުގެ ބިރު އޮތުމުން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓު ހޮވުމަށް އެމްޑީޕީން ބާއްވާ ޕްރައިމަރީގައި ނަޝީދު ވާދަކުރައްވާނީ އެމަނިކުފާނުގެ އެންމެ ގާތް ރަހްމަތްތެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެވެ. ޕްރައިމަރީ އަންނަ މަހުގެ 28 ވަނަ ދުވަހު ބާއްވާއިރު، ދެ ބޭފުޅުން ވެސް ވަނީ ކެމްޕެއިން ފައްޓަވައިފައެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް ވިދާޅުވީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގަންނަވާ މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށާއި ޕްރައިމަރީ ބޮޑު ތަނުން ކާމިޔާބު ކުރައްވާނެ ކަމަށެވެ.
ސަލްޓަން ޕާކްގައި ނަޝީދުގެ ސަޕޯޓަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ އެމްޑީޕީ ޕްރައިމަރީ އެމަނިކުފާނު ކާމިޔާބު ކުރައްވާނެ ކަން ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފުވާނެ ކަމަށެވެ.
ނަޝީދު ތަކުރާރުކޮށް ވިދާޅުވީ އެމަނިކުފާނު ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް ސޯލިހަށް ރިޔާސީ އިންތިހާބުގައި %20 ވެސް ނުލިބި، އެމްޑީޕީ ދެވަނަ ބުރަށް ނުދާނެ ކަމުގެ ބިރު އޮތުމުން ކަމަށެވެ. ނަޝީދު ވިދާޅުވި ގޮތުގައި ގައުމީ އިންތިހާބަކަށް ނުކުތީމަ ގިނަ ފަހަރަށް މި ލިބެނީ ވިއްސަކަށް އިންސައްތަ ވޯޓެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...