“އެޗްއެމް02” ނަކަށްކިޔާ ތެޔޮ ބޯޓެއްގައި ހުރި ބިދޭސީއެއް ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފް އިން ބުނީ ތ.ހިރިލަންދޫއިން ފުރައިގެން ތ.ވޭމަންޑޫއަށް ދަތުރުކުރި ތެޔޮ ބޯޓުގައި ހުރި ބިދޭސީ ފަޅުވެރިއެއް ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިރޭ 19:20 ހާއިރު ކަމަށެވެ.
ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން ވަނީ ހާދިސާ ހިނގައިގެން އުޅޭ ސަރަޙައްދަށް ގޮސް އެމީހާ ހޯދުމުގެ މަސައްކަތް ފާށާފައެވެ. އެގޮތުން ކުރި މަސައްކަތުން މި މީހާ ފެނިފައިވަނީ މިރޭ 20:04 ހާއިރުއެވެ. އަދި މި މީހާ ފެނުނުއިރު ވަރަށް ބޮޑަށް ވަރުބަލިވެ ކޮންމެވެސް ވަރަކަށް ވަނީ ލޮނުބޮވިފައެވެ.
އެ ބިދޭސީ މީހާ މިހާރުވަނީ އިތުރުފަރުވާއަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން ތ.އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ކަނޑުމަތީގައި ދިމާވާ މިފަދަ ހާދިސާތަކުގައި އެމްއެންޑީއެފް އިން ވެދެއްވަމުން ގެންދަވާ އަވަސް ޚިދުމަތާއި، އެހީތެރިކަމަކީ ފާހަގަ ކޮށްލަން ޖެހޭ ވަރުގެ އަގުބޮޑު ޚިދުމަތެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...