އެންމެ ބޮޑު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެނޑިޑޭޓުންކަމުގައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދުގެ ވާދަވެރި ކެމްޕޭނު މިއަދު ހަވީރުދެ ޓީމުންވެސް ނިންމާލައްވާފައިވާއިރު ދެބޭފުޅުންވެސް ތިއްބެވީ ޔަޤީންކަމާއެކު އިންތިޚާބު ކާމިޔާބު ކުރެވޭނެކަމުގެ ފޮނިއުންމީދުގައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭނުގެ އެންމެ ފަހު އިވެންޓް މިއަދު ހަވީރު ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި އޮތްއިރު، އެ ހަރަކާތުގައި އަތޮޅުތަކުންނާއި ރަށްރަށުންނާއި ސިޓީތަކުން ހަމަ އެ ވަގުތުގައި ކެމްޕޭނު ނިންމުން ވަނީ ކުރިއަށް ގެންގޮސްފައެވެ.
ރައީސް ނަޝީދުގެ ކެމްޕޭނު ނިންމުމުގެ ހަރަކާތް ރާޅުގަނޑު ސަރަހައްދުގައި މިއަދު ހަވީރު އޮތްއިރު، މި ހަރަކާތުގައިވެސް ރާއްޖޭގެ ނަންމަޝްހޫރު ސިޔާސީ ބޮޑެތި ބޭފުޅުންނާއި، ގިނަޢަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވަފައެވެ.
ޕާޓީއެއްގެ އެތެރޭގެ އެންމެ ފޯރިގަދަ މި އިންތިހާބަށް ދެ ކެނޑިޑޭޓުންވެސް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ވަޑައިގެން ކެމްޕޭނު ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިޔައެވެ. ދެބޭފުޅުންވެސް އެއްބޭފުޅަކު އަނެއްބޭފުޅަކަށް ވަނީ ބަހުގެ ހަމަލާތައް ވަކިސުމާރެއް ނެތްވަރަށް ރައްދު ކުރައްވާފައެވެ. އަދި ދެބޭފުޅުންވެސް ވިދާޅުވީ ޕްރައިމަރީ މިހާރު ކާމިޔާބުވެ ، ނިމިފައިވާކަމަށެވެ. ދެން އޮތީ ރިޔާސީ އިންތިޚާބު ކަމަށެވެ. އެހެންނަމަވެސް މިއިންތިޚާބުގެ ނަތީޖާ ލިބޭނީ ހޮނިހިރު ދުވަހުގެ ރޭ ގެ ވަގުތެއްގައެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން މާދަމާ މާލެ ސަރަހައްދާއި އަތޮޅުތަކާއި ސިޓީތަކުގައި އަދި ރަށްތަކުގައި ކުރިއަށްދާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...