އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ގިނަ ފޮށިތަކެއްގެ ނަތީޖާ މިހާރު ސާފުވެފައިވާއިރު، ރައީސް ސޯލިހު ވަރަށްބޮޑު ތަފާތަކުން ވަނީ ރައީސް ނަޝީދަށްވުރެ ކުރި ހޯއްދަވާފައެވެ.
މިނަތީޖާއާއި ގުޅޭގޮތުން އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަކަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ އިންތިޚާބުގައި ބައެއް ފޮށިތަކަށް އިތުރަށް ވޯޓްލާފައިވާ ކަމަށެވެ. އަދި ނަތީޖާއިން ބޮޑު ފަރަގެއް ދައްކަނީ އެހެންވެ ކަމަށާއި ގިނަ ފޮށިތަކުން ކުރީގައި އުޅުއްވަނީ އެމަނިކުފާނު ކަމަށެވެ.
“އަޅުގަނޑުމެން މިދަނީ ނަތީޖާ ޝީޓްތައް ބަލަމުން. ބޮޑު ފަރަގެއް އެ ދައްކަނީ މަދު ބައެއް ތަންތަނުން އާދަޔާ ޚިލާފަށް ގިނަ ވޯޓު ފޮށީގައި ހުރީމަ.” ރައީސް ނަޝީދު ވިދާޅުވިއެވެ.
މިއަދުގެ ވޯޓްގައި ބައެއް ފޮށިތަކަށް ވޯޓްލުމުގެ ހައްޤުލިބިފައިވާ އަދަދަށްވުރެ ގިނައިން ވޯޓްލައިފާވަކަން ވަނީ ފާހަގަވެފައެވެ. އެ ގޮތުން މާލެ HT-1 ފޮށީގެ ވަގުތީ ނަތީޖާ ޝީޓެއް ވަނީ ގްރޫޕަށް ފޮނުވާފައެވެ. އެ ޝީޓްގައިވާ ގޮތުން އެފޮއްޓަށް ވޯޓް ލުމުގެ ޙައްޤު ލިބިގެންވަނީ 113 މީހުންނަށެވެ. ނަމަވެސް 158 މީހަކު އެ ފޮއްޓަށް ވޯޓް ލާފައިވެއެވެ.
އޭގެ އިތުރުން RT-1 ފޮށީގައި 227 މީހަކަށް ވޯޓް ލުމުގެ ޙައްޤު ލިބިފައިވާއިރު 239 މީހަކު ވޯޓް ލާފައިވުމާއި، FT-2ގައި 185 މީހުންގެ ބަދަލުގައި 231 މީހަކު ވޯޓް ލާފައިވުމާއި، DT-2ގައި 230 މީހުްނގެ ފޮއްޓަކަށް 241 މީހަކު ވޯޓް ލާފައިވާތީ، އެކަމާ ގުޅިގެން ދަނި ނަޝީދުގެ ސަޕޯޓަރުން މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިފަދަ ބޮޑެތި މައްސަލަތައް ހުރިނަމަވެސް ރައީސް ނަޝީދު މި އިންތިޚާބުގެ ނަތީޖާ ޤަބޫލުފުޅު ކުރައްވާނެކަން ނުވަތަ ނޫންކަން ވިދާޅުވެފައެއް ނުވެއެވެ. ވިދާޅުވީ، ފުރަތަމަ ޖެހޭނީ ނަތީޖާ ބައްލަވަން ކަމަށާއި އޭގެ ފަހުން ގޮތެއް ނިންމަވާނެ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...