ސީއެންއެން — ޕާކިސްތާނުގެ ކުރީގެ ރައީސް ޖެނެރަލް ޕަރްވޭޒް މުޝައްރަފް އަވަހާރަވެއްޖެ އެވެ. ޕާކިސްތާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާ މަރުވީ ދުބާއީ އެމެރިކަން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ. އެ ބަޔާނުގައި ވަނީ ޖެނެރަލް ޕަރްވޭޒް މުޝައްރަފް އަވަހާރަވުމާ ގުޅިގެން ތައުޒިޔާ ރައްދުކޮށް، އެމަނިކުފާނުގެ ފުރާނައަށް މާތް الله ބަރަކާތް ލައްވައި، އާއިލާއަށް ހިތްވަރު ދެއްވުން އެދި ވަޑައިގެންފަ އެވެ.
މުޝައްރަފް 1999 ވަނަ އަހަރު އަސްކަރީ ބަޣާވާތަކުން ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ އަތްޕުޅުން ވެރިކަމާ ހަވާލުވެ ވަޑައިގެން 2001 ވަނަ އަހަރު ރައީސްކަމަށް އައްޔަން ކުރެއްވިއިރު، އަސްކަރިއްޔާގެ އެންމެ އިސްވެރިޔާގެ މަގާމުވެސް ފުރުއްވާފައިވެއެވެ. އޭނާ ވަނީ 2008 ވަނަ އަހަރާ ހަމައަށް ޕާކިސްތާނަށް އިރުޝާދު ދީފަ އެވެ. އެމަނިކުފާނުގެ ވެރިކަމުގައި އަވަހާރަކޮށްލަން ކުރި ނާކާމިޔާބު ދެ މަސައްކަތަކާ ކުރިމަތިލައި، 2007 ވަނަ އަހަރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ގާނޫނު އަސާސީ ސަސްޕެންޑްކޮށް، އިސް ގާޒީ ބަދަލުކުރެއްވުމުން އެމެރިކާ އާއި ޑިމޮކްރަސީއަށް ވަކާލާތު ކުރާ ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވި އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި 2008 ވަނަ އަހަރު އިންތިހާބެއް ބާއްވަން ގޮވާލެއްވި ނަމަވެސް ޕާޓީން ނަތީޖާ ދަށްވުމުން އިސްތިއުފާ ދެއްވި އެވެ.
މުޝައްރަފް ދުބާއީގައި އަމިއްލައަށް އަރުވާލެއްވިގެން ހުންނެވި ނަމަވެސް 2013 ވަނަ އަހަރު އެނބުރި ޕާކިސްތާނަށް ވަޑައިގެންނެވީ ގައުމީ އިންތިހާބުގައި ވާދަކުރެއްވުމުގެ ނިޔަތުގަ އެވެ. ނަމަވެސް ވެރިކަމުގައި ހުންނެވި ދުވަސްވަރާ ގުޅޭ ކޯޓު މައްސަލަތަކުގައި އޭނާ ޖެހިވަޑައިގެން 2019 ވަނަ އަހަރު ޣައިރު ހާޒިރުގައި މަރުގެ ހުކުމް އިއްވި ނަމަވެސް ފަހުން އެ ހުކުމް ވަނީ ބާތިލްކޮށްފަ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...