ޚަބަރު ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ މެއިމަހުން ފެށިގެން ބޮޑުވާނެ: ރައީސް

ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ މެއިމަހުން ފެށިގެން ބޮޑުވާނެ: ރައީސް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް


އަންނަ މެއި މަހުން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙްގެ މިހެން ވިދާޅުވީ މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވެވި އެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސް ޞާލިހް ވިދާޅުވީ މިދިޔަ އަހަރުގެ ޖަނަވަރީގައި ތަންފީޒުކުރަން ފެށި މިނިމަމް ވޭޖްގެ ސަބަބުން ހެޔޮ ބަދަލެއް އައިސްފައިވާ ކަމަށެވެ. އަދި އެ ބަދަލުގެ އަސަރު 33,500 އަށް ވުރެ ގިނަ މަސައްކަތްތެރިންނަށް ކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

މިއާއެކު އެމަނިކުފާނު ވިދާޅުވީ، ފާއިތުވި އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވިފަދައިން ޓީޗަރުންގެ މުސާރަ ބޮޑުކުރެވިފައިވާ ކަމަށާ، އަދި އަންނަ މެއި މަހުން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަވެސް ބޮޑު ކުރައްވާނެ ކަމަށެވެ. އަދި ސިއްހީ ހިދުމަތްތެރިންގެ މުސާރަ ބޮޑު ކުރުމަށް ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި 500 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

”މިދިޔަ އަހަރު މި މަޤާމުގައި ހުރެ އަޅުގަނޑު ދެންނެވި ގޮތަށް ތަޢުލީމީ ދާއިރާގެ ޕޭ ހާމަނައިޒް ކުރިން. ދެންނެވި ތާރީޚުގައި އެ މުވައްޒަފުންގެ މުސާރައަށް ބޮޑު ބަދަލެއް ގެނައިން. އިރާދަކުރެއްވިއްޔާ އަންނަ މޭ މަހުގެ 1 ން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނެ.“ ރައީސް ޞާލިހު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޞާލިހް ވިދާޅުވީ ސަރުކާރުގެ ވުޒާރާތަކުގައި %35 އެލަވަންސް ނުލިބި މިހާރު ތިއްބެވި ހުރިހާ މުވައްޒަފުންނަށް މެއި 01 ވަނަ ދުވަހުނ ފެށިގެން މި އެލަވަންސް ލިބިގެންދާނެ ކަމަށެވެ.

އަދި އަންނަ މާޗު މަހުގައި ރާއްޖޭގެ ޔުނިވަރސިޓީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށްވެސް އެ ހެޔޮ ބަދަލު އަންނާނެ ކަމަށާ, އޭގެ އިތުރުން ޕޭ ހާމަނައިޒް ކުރުން ނިމިގެންދާއިރު ޝަރުޢީ ދާއިރާއާއި އިމާމުންނާ މުދިމުންނާއި ޖުމްލަކޮށް ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންގެ މުސާރަ އަށްވެސް ހެޔޮ ބަދަލު އަންނާނެ ކަމަށް ވިދާޅުވި އެވެ.

ޓެގް

ރައީސްއިބްރާހިމްމުޙައްމަދުޞޯލިޙު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.