މުޅި ދުނިޔޭގައި ވެސް ފުރަތަމަ ފަހަރަށް ތަރައްޤީ ކުރާ “ފްލޯޓިންގ ސިޓީ” ފުރަތަމަ ގެތައް ކ. އާރަށު ފަޅުގައި ބަހައްޓައިފިއެވެ.
‘ފްލޯޓިން ސިޓީ’ގެ މަސައްކަތަށް ގެ އަޅަން ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ބައިސަންއާ ހަވާލުކުރީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގައެވެ. އޭގެ ފަހުން މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި އެ ކުންފުނިން ވަނީ، އެތަނުގައި އަޅާ ގެތައް ދައްކާލައިފަ އެވެ. އެކަމަކު އޭރު އެ ގެތައް ބަހައްޓާފައި ހުރީ ‘ފްލޯޓިން ސިޓީ’ ޤާއިމުކުރުމަށް ހަމަޖެހިފައި އޮތް ފަޅުގައެއް ނޫނެވެ.
ބައިސަން ކުންފުނިން މިއަދު އާންމުކުރީ ‘ފްލޯޓިން ސިޓީ’ގެ ފުރަތަމަ ގެތައް އެ ފަޅަށް ގެންގޮސް އެތަނުގައި ބަހައްޓާފައި ހުރި ފޮޓޯ ތަކެކެވެ. ދުރަށް ފެންނަ ކަހަލަ ކުލަތައް ލައިފައި ހުރި ދެ ގެއެއް ފަޅުތެރެއިން މިހާރު ފެނެ އެވެ. ދޮންވެލި ‘މަގެއް’ގައި ހުންނަ ގެތައް ކައިރީ ދެ ރުއް ވެސް އިންދާފައި ހުއްޓެވެ.
ނެދަލެންޑްސްގެ ކުންފުންޏެއް ކަމަށްވާ ޑަޗް ޑޮކްލޭންޑްސް އިން ތަރައްޤީކުރާ މި ފްލޯޓިން ސިޓީއާ ގުޅޭ ގޮތުން، އެ ކުންފުނީގެ ރާއްޖޭގެ ކޮންސަލްޓެންޓް އިބްރާހިމް ރިޔާޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި އެ މަޝްރޫއު މިހާރު ހިންގަނީ އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓެއްގެ ގޮތުގަ އެވެ. އެކަމަށް ހުއްދަ ލިބި، މިދިޔަ އަހަރު އާ އެއްބަސްވުމެއްގައި ސޮއިކުރެވިފައި ވެއެވެ. އެއާ އެކު މަސައްކަތް ހަލުވިކަމާ އެކު ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ރިޔާޒް ދިނެވެ.
“ފްލޯޓިން ސިޓ” ގައި 5000 ހައުސިން ޔުނިޓާއި، 35 ލަގްޒަރީ ވިލާ، އަދި 9000-1500 އަކަފޫޓުގައި ދެބުރިއަށް ހަދާ ތިންކޮޓަރީގެ އެޕާޓްމެންޓުތަކެއް ހުންނާނެއެވެ. އެޕާޓްމެންޓެއްގެ އަގުތައް އުޅެނީ 2 މިލިއަނާއި 4 މިލިއަން ރުފިޔާގެ އަދަދެކެވެ. ފްލޯޓިން ސިޓީ ހަދާނީ ނެދަލެންޑްސްގައި ބޭނުންކުރާ ޓެކްނޮލޮޖީގެ އެހީގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...