މުނިފޫހިފިލުވުމުގެ ހާއްސަ އޮންލައިން ޕްލެޓްފޯމެއް ކަމަށްވާ ބައިސްކޯފު ހުއްޓާލަން އެންގުނީ އިދާރީ އޮޅުމަކުން ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބުނެފި އެވެ.
ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ ސޮއިކުރައްވާ މިމަހުގެ 10 ވަނަ ދުވަހު އީކޮމް އެކްސްޗޭންޖަށް ފޮނުއްވި ސިޓީއެއްގައި ވަނީ ބައިސްކޯފު މެދުވެރިކޮށް އެ ކުންފުނިން ދެމުންދާ ޚިދުމަތަކީ ރީބްރޯޑްކާސްޓް ކުރުން ކަމަށެވެ.
ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދުގެ ފަސް ވަނަ މާއްދާގައި ބަޔާންކުރާ ގޮތުން، ރާއްޖޭގައި ރީބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތް ދޭންވާނީ އެކަމުގެ ލައިސަންސް ލިބިގެން ކަމަށް ވެސް ސިޓީގައި ވެއެވެ.
ވުމާއެކު ބައިސްކޯފު މެދުވެރިކޮށް ރީބްރޯޑްކާސްޓް ކުރަމުންދާ ޗެނަލްތައް ރީބްރޯޑްކާސްޓް ކުރުން ވަގުތުން ހުއްޓާލުމަށް އަންގާ ކަމަށް ބްރޯޑްކޮމްގެ ސިޓީގައިވެއެވެ.
މި ސިޓީއަކީ އިދާރީ އޮޅުމެއްކަމަށް ބުނެ ބްރޯޑްކޮމް މިއަދު ބުނީ ސިޓީ އިބާރާތް ކުރެވިފައި އޮތީ ބައިސްކޯފްގެ ހުރިހާ ހިދުމަތެއް ހުއްޓާލަންޖެހޭ ގޮތަށް އޮތް ކަމަށާއި އެހެންވެ، އެކަން އިސްލާހުކޮށް، ބައިސްކޯފަށް އަލުން އަންގާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ބްރޯޑްކޮމްގެ ގަވާއިދު އޮންނަ ގޮތުން ލައިސަންސް ލިބިފައިވާ އެއްވެސް ޗެނަލެއް އެއްވެސް ޕްލެޓްފޯމަކުން ގެނެސްދޭ ނަމަ، ރީބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ނަގަންޖެހެ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...