ޣައްޒާ (ޖުލައި 16) – ފަލަސްތީނުގައި ދިރިއުޅެމުންދާ ނިކަމެތި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭ މުހިންމު ގައުމެއް ކަމަށްވާ ގަތަރުން ކޮންމެ މަހަކު ދޭ ޕޭރޯލް ގްރާންޓް ދިނުން ލަސްވަމުންދާތި ޣައްޒާގެ ހަމާސް ޖަމާއަތުގެ ވެރިންނަށް މުސާރަ ނުދެވޭ ކަމަށް އޮފިޝަލުން ބުނެފި އެވެ.
މުސާރައިގެ ދަތިކަމުގެ ސަބަބުން ޣައްޒާގެ ސޯޝަލް މީޑިއާގައި އާދަޔާ ޚިލާފު ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު އޭގެ ތެރޭގައި ހަމާސްގެ އަމިއްލަ ބައެއް މުވައްޒަފުންވެސް ހިމެނެއެވެ. ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ ދަށަށް ދިއުމާއި ޚަރަދުތައް އިތުރުވުމުގެ ސަބަބުން މިހާލަތު އިތުރަށް ވަނީ ދަތިވެފައެވެ.
ޣައްޒާގެ 2.3 މިލިއަން މީހުންގެ ތެރެއިން ގިނަ މީހުން ދިރިއުޅެމުން ދަނީ ފަގީރުކަމުގެ ތެރޭގައި ކަމަށްވާއިރު، އިގްތިސާދު ބަރޯސާވެފައި ވަނީ ބޭރުގެ އެހީއަށެވެ. ގަތަރުން ވަނީ 2014 ވަނަ އަހަރުން ފެށިގެން އިމާރާތް ކުރުމުގެ މަޝްރޫއުތަކަށް އެތައް ސަތޭކަ މިލިއަން ޑޮލަރެއް ދައްކައިފަ އެވެ. އެގޮތުން އާއިލާތަކަށް ސްޓައިޕެންޑްގެ ގޮތުގައި މަހަކު 30 މިލިއަން ޑޮލަރާއި ކަރަންޓަށް ތެޔޮ ދިނުމާއި ޕަބްލިކް ސެކްޓާގެ އުޖޫރަ ދިނުމުގައި އެހީތެރިކަން ފޯރުކޮށްދެ އެވެ.
ހަމާސްގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މެއި މަހުގެ ޕޭރޯލް އަށް އެހީވުމަށް ދިން ފަސް މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ދުވަސް ފަހުން މުސާރައިގެ އެހީއެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް ލަސްވި ސަބަބެއް ސާފެއް ނުވެ އެވެ.
ހަމާސްގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އަވަނީ އަލް ބާޝާ ހަމާސް އަޤްސާ ރޭޑިއޯއަށް ވިދާޅުވީ، ސަރުކާރު ދަނީ މާލީ ގޮތުން ވަރަށް ބޮޑަށް ހީނަރުވަމުން ކަމަށާއި، ޑެފިސިޓް މަހުން މަހަށް އިތުރުވަމުން ދިއުމުގެ ސަބަބުން މި މަހު މުސާރަ ދިނުން ލަސްވަމުންދާ ކަމަށެވެ.
އަދި މުސާރަ ދިނުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އުއްމީދަކީ މި ހަފުތާ ނިމުމުގެ ކުރިން އެކަން ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޕޭރޯލް ކުރުމަށް ހަމާސް އަށް މަހަކު 125 މިލިއަން ޝެކެލް (34.5 މިލިއަން ޑޮލަރު) ހަރަދުވާ ކަމަށް ބާޝާ ވިދާޅުވި އެވެ.
އާދީއްތަ ދުވަހު ހަމާސް ސަރުކާރުގެ މީޑިއާ އޮފީހުގެ ޗެއާމަން ސަލާމާ މަރޫފް ވިދާޅުވީ ހާއްސަކޮށް ހެލްތު މިނިސްޓްރީ އާއި ބޭންކުގެ ދަރަނި ތައް އަނބުރާ ދެއްކުމަށް ކުރާ ހަރަދުތައް ވެސް އިތުރުވެފައިވާ ކަމަށެވެ. އަދި މުސާރައިގެ ހިލޭ އެހީ ހަތް މިލިއަން ޑޮލަރަށް އިތުރުކުރުމަށް ގަތަރަށް ގޮވާލެއްވި އެވެ.
“60 ޕަސެންޓް (މުސާރަ) އާއެކު ގޭގައި ތިބެގެން އަޅުގަނޑުމެން ބޭނުންވާ އަސާސީ ކަންކަން ފުއްދަމުން ދިޔައީ. މުސާރަ މުޅިން ކަނޑާލުމުން ވާނީ ކިހިނެއް؟” މިއީ ވަރަށް ބޮޑު މާޔޫސްކަމެއް.” ހަމާސް ސަރުކާރުގެ މީޑިއާ އޮފީހުގެ މުވައްޒަފެއް ކަމަށްވާ މަހްމޫދު އަލް ފަރާ ބުންޏެވެ.
ބައެއް މީހުން ސޯޝަލް މީޑިއާގައި ވަނީ އެ މައްސަލައަކީ ސައްހަ ކަމެއްތޯ ސުވާލު އުފައްދައިފަ އެވެ.
“އެމީހުން ނަގާ ޓެކުހާއި ޣައްޒާއަށް ވަންނަ ހިލޭ އެހީ ކޮބައިތޯ؟” ރައްޔިތަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...