ހަންގޭރީގެ ޤައުމީ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ޚާއްޞަ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ބޮޑުވަޒީރު ވިކްޓަރ އޯރްބާންގެ ދައުވަތަކަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓްއަށް ވަޑައިގެންފިއެވެ.
އާދީއްތަ ދުވަހު އުރުދުޣާން ހަންގޭރީއަށް ވަޑައިގަތުމަށްފަހު ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.
އުރުދުޣާން އާއި އޯރްބާން ވަފުދުފެންވަރުގެ ބައްދަލުވުމެއް ވެސް ބާއްވައިފައި ވާއިރު، ތުރުކީގެ ޚާރިޖީ ވަޒީރު ހަކަން ފިދާން އާއި އެނާޖީ އެންޑް ނެޗުރަލް ރިސޯސަސް މިނިސްޓަރު އަލްޕާސްލާން ބައިރަކްޓާ، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އުސްމާން އަސްކިން ބަކް، އިންޑަސްޓްރީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މެހްމެތު ފާތިހް ކާސިރު، ޓްރޭޑް މިނިސްޓަރު އުމޭރު ބޮލަޓް، ކޮމިއުނިކޭޝަން ޑިރެކްޓަރު ފަހްރެޓިން އަލްޓަން އަދި އުރުދުޣާންގެ ޗީފް އެޑްވައިޒަރު އާކިފް ކަގަޓޭ ކިލިކް ވެސް ބައިވެރިވެވަޑައިގެންފަ އެވެ.
ތުރުކީގެ ރައީސް ވަނީ އުޒްބެކިސްތާނުގެ ޚާރިޖީ ވަޒީރު ޝަވްކަތު މިރްޒިޔޯޔޭވްއާ ވެސް ބުޑަޕެސްޓްގައި ބައްދަލުކުރައްވާފައެވެ.
އޭގެ ފަހުން އާދީއްތަ ދުވަހު އުރުދުޣާން ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ބައެއް ހަރަކާތްތަކާއި ހަންގޭރީ އުފެދުމުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އުރުދުޣާންގެ މި ދަތުރުފުޅުގައި ސާބިއާގެ ރައީސް އަލެކްސަންޑާ ވުސިޗް ގެ އިތުރުން އެހެން ޤައުމުތަކާވެސް މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ތުރުކިޔޭ އާއި ހަންގޭރީއާ ދެމެދު އޮތް ގުޅުން ސްޓްރެޓެޖިކް ޕާޓްނާޝިޕްގެ ދަރަޖައަށް އުފުލާލީ 2013 ވަނަ އަހަރު ހައިލެވެލް ސްޓްރެޓެޖިކް ކޯޕަރޭޝަން ކައުންސިލް އުފެއްދުމަށް ފަހު އެވެ. މިފަހަކަށް އައިސް ކޮންމެ ދާއިރާއަކުން ވެސް އެކުވެރި ކަމުގެ ގުޅުން ވަނީ ވަރުގަދަވެފަ އެވެ.
ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިތާ 100 އަހަރު ފުރުން މި އަހަރުގެ ޑިސެމްބަރު މަހު އެ ގައުމުތަކުން ފާހަގަކުރަންވެސް ވަނީ ނިންމައިފަ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...