އިންތިޙާބު ބާއްވަ ތާރީޙް އިޢުލަނުކުރުން ލަސްކުރަމުން ލަސްކުރަމުން ގޮސް އެންމަފަހުން މިއަންނަ ރަމަޟާން މަހުގެ 7 ވަނަ ދުވަހު (17 މާރޗު) ގައި 20 ވަނަ ރައްޔިތުން މިޖިލިހުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން(އީސީ)އިން މިއަދު ނިންމައިފި އެވެ.
މިކަން އާއްމުކޮށްފައިވަނީ މިއަދު އެކްސް މެދުވެރި ކުރައްވާ އީސީ އިން ކުރެއްވި ޕޯސްޓެއްގައެވެ. އީސީން މިގޮތަށް ނިންމާފައިވައިރު އެންމެ ބޮޑު އިދިކޮޅު ޕާރޓީ އެމްޑީޕީގެ ފަރާތުން ވަނީ ރޯދަ މަސް ތެރޭ އިންތިހާބު ނުބޭއްވުމަށް އީސީގައި އެދިފައެވެ.
އީސީގެ ފަރާތުން އެކްސް މެދުވެރި ކުރައްވާ ނެރުއްވި ބަޔާނުގައި ރޯދަ މަހު އިންތިހާބު ބާއްވަށް ނިންމި ސަބަބުތައް ހިމަނުއްވާފައިވެއެވެ. އެގޮތުން އީސީ އިން ފާހަގަ ކުރައްވާފައިވަނީ ރޯދަ މަހުގެ ފަހުގެ ތާރީހެއްގައި ބާއްވާ ނަމަ، އެ ކަމަށް އިދާރީ ބޮޑެތި ހުރަސްތަކެއް ހުރުމާއ، ރޯދަ ނިމި، އީދު ބަންދަށް ފަހު ފެށޭ ހަފްތާއަކީ އިސްލާހުކޮށްފައިވާ ތަޢުލީމީ ކަލަންޑަރުގައިވާ ގޮތުން، ސްކޫލްތަކުގެ އިމްތިހާން ދުވަސްވަރަށް ވުމުން ، އެ ދުވަސްވަރު އިންތިހާބު ބޭއްވުމަށް ސްކޫލްތަކުގައި އިންތިހާބީ މަރުކަޒުތައް ގާއިމް ކުރުމަށް އެކަށީގެންވާ ތަންތަން ނުލިބުމާއި، ރޯދަ މަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާތީ، ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.
އެމްޑީޕީން އެދިފައި ވަނީ ރޯދައިގެ ފަހުން އިންތިހާބު ބޭއްވުމަށް ކަމުގައި ވިޔަސް ތަކުރާރުކޮށް މީގެ ކުރިންވެސް އީސީ އިން ބުނަމުން ގެން ގޮސްފައިވަނީ ރޯދަމަހުގެ ފަހުން އިންތިހާބު ބެއްވުމަށް ދަތިތަކެއް ހުރި ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...