އިޒްރޭލު ޖަވާބުދާރީކޮށް ވަގުތުން ފިޔަވަޅު އެޅުމަށް ރައީސް ޑރ. މުޢިއްޒު ގޮވާލައްވައިފިއެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޒްރޭލުން ޣައްޒާގައި އަނެއްކާވެސް ސްކޫލަކަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. މިކަމާ ގުޅިގެން ރައީސް ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުން އިޒްރޭލު ޖަވާބުދާރީކޮށް ވަގުތުން ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި އަލް-ތަބިއީން ސްކޫލަށް ދިން ހަމަލާގައި އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުން ޝަހީދުވެ އަނިޔާވެފައިވާ މަންޒަރުތަކަކީ ވަރަށް ބިރުވެރި މަންޒަރުތަކެކެވެ. އަދި މި ސްކޫލަކީ ހިމާޔަތަށް އެދި މީހުން ވަދެތިބި ތަނެއްކަން ފާހަގަކުރެއްވިއެވެ.
އޮކްޓޯބަރު މަހު ހަނގުރާމަ ފެށުނީއްސުރެ މިހާތަނަށް 39،000 އަށްވުރެ ގިނަ ފަލަސްތީނު މަދަނީ ރައްޔިތުން ވަނީ ޝަހީދުވެފައެވެ. ނަމަވެސް އިޒްރޭލުން ހަނގުރާމަ ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ނުކުރާކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން، މިއީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކާ ޚިލާފު ޢަމަލެއްކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ. އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުން އިޒްރޭލު ޖަވާބުދާރީކޮށް، މަދަނީ ރައްޔިތުން ރައްކާތެރިކުރުމަށް ވަގުތުން ފިޔަވަޅު އަޅަންޖެހޭ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...