ބޭރުދުނިޔެ އިސްރާއީލު ސިފައިން އަލްޖަޒީރާގެ ރާމަﷲ އޮފީސް ބަންދުކޮށްފި

އިސްރާއީލު ސިފައިން އަލްޖަޒީރާގެ ރާމަﷲ އޮފީސް ބަންދުކޮށްފި

އިސްރާއީލު ސިފައިން އަލްޖަޒީރާގެ ރާމަﷲ އޮފީސް ބަންދުކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިސްރާއީލުގެ ސިފައިން އާދީއްތަ ދުވަހުގެ ފަތިހު ހުޅަނގު އައްސޭރީގެ ރާމަﷲ ސިޓީގައި ހުންނަ އަލްޖަޒީރާ ޓީވީގެ އޮފީހަށް ވަދެ، އެތަން ބަންދުކޮށްފިއެވެ. މިއީ “ހަނގުރާމަވެރި އަމުރެއް” ގެ ދަށުން ކުރި ކަމެއް ކަމަށް ބެލެވެއެވެ.

ފަލަސްތީނުގެ ނޫސް އޭޖެންސީ ވަފާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްރާއީލުގެ އިދާރާތަކުން އަލްޖަޒީރާގެ މުވައްޒަފުންނަށް އޮފީހުން ނިކުތުމަށް އަންގައި، އޮފީސް ބަންދުކޮށްފައިވެއެވެ. މި ހަމަލާ ދީފައިވަނީ ޣައްޒާގައި އިސްރާއީލުން ކުރިއަށްގެންދާ ހަނގުރާމައާ ގުޅޭ ގޮތުން މީޑިއާ ޖަމާޢަތްތަކުގެ ކަވަރޭޖްތަކަށް ސަމާލުކަން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.
ވަފާގެ ރިޕޯޓުގައި ބުނެފައިވަނީ އިސްރާއީލުގެ ސިފައިން ވަނީ އަލްޖަޒީރާގެ އޮފީހުން ލިޔެކިޔުންތަކާއި އާލާތްތައް ހިފަހައްޓާފައި ކަމަށެވެ. އަދި ސަލާމަތީ ސަބަބުތަކަށްޓަކައި އެ ސަރަޙައްދުގައި 45 ދުވަހުގެ މުއްދަތަށް އަލްޖަޒީރާގެ މަސައްކަތްތައް ކުރުން މަނާކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ފަލަސްތީނުގެ ނޫސްވެރިންގެ ޖަމްޢިއްޔާއިން މި ހަމަލާ ކުށްވެރިކޮށް، މިއީ “ނޫސްވެރިކަމާއި މީޑިއާގެ މިނިވަންކަމަށް ދިން އައު ހަމަލާއެއް” ކަމުގައި ބުނެފައިވެއެވެ. އަދި ނޫސްވެރިންގެ ޙައްޤުތަކާއި ސަލާމަތަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި މުއައްސަސާތަކަށް ގޮވާލާފައިވަނީ މި ނިންމުން ކުށްވެރިކޮށް، އެ ނިންމުން ބާޠިލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށެވެ.
މި ޖަމްޢިއްޔާއިން އަލްޖަޒީރާއާއި އެ އެޖެންސީގެ ނޫސްވެރިންނާއެކު އެއްބައިވަންތަކަން ފާޅުކޮށް، އޮފީސް ބަންދުކޮށްފައިވާ މުއްދަތުގައި އަލްޖަޒީރާގެ މުވައްޒަފުންނަށް އެހީތެރިވުމަށް އެ ޖަމްޢިއްޔާގެ އޮފީހާއި ވަސީލަތްތައް ހުޅުވާލާނެ ކަމަށް ބުނެފައިވެއެވެ.

މި ހަމަލާއާ ގުޅޭ ގޮތުން އަދި އަލްޖަޒީރާއިން ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ. މި ހަމަލާއަކީ މިދިޔަ މޭ މަހު އިސްރާއީލުގެ ސަރުކާރުން އަލްޖަޒީރާ އިސްރާއީލުގައި ހިންގުން މަނާކުރި ނިންމުމަށްފަހު އެޅި މިފަދަ ފުރަތަމަ ފިޔަވަޅެވެ.

މި ހާދިސާއިން ދައްކުވައިދެނީ މި ސަރަޙައްދުގައި މީޑިއާގެ މިނިވަންކަމަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި، ހަނގުރާމަވެރި ޙާލަތުގައި ނޫސްވެރިން މަސައްކަތްކުރަމުންދާ ނާޒުކު މާޙައުލެވެ.

ޓެގް

އަލްޖަޒީރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.