ބޭރުދުނިޔެ ވެރިކަން ލިބިއްޖެނަމަ ޣައްޒާ ހަނގުރާމަ ހުއްޓުވުމަށް ކުރެވެންހުރި ހުރިހާކަމެއް ކުރާނަން: ކަމަލާ ހެރިސް

ވެރިކަން ލިބިއްޖެނަމަ ޣައްޒާ ހަނގުރާމަ ހުއްޓުވުމަށް ކުރެވެންހުރި ހުރިހާކަމެއް ކުރާނަން: ކަމަލާ ހެރިސް

ވެރިކަން ލިބިއްޖެނަމަ ޣައްޒާ ހަނގުރާމަ ހުއްޓުވުމަށް ކުރެވެންހުރި ހުރިހާކަމެއް ކުރާނަން: ކަމަލާ ހެރިސް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އެމެރިކާގެ ވެރިކަން ލިބިއްޖެނަމަ ޣައްޒާ ހަނގުރާމަ ހުއްޓުވުމަށް ކުރެވެންހުރި ހުރިހާކަމެއް ކުރައްވާނެކަމުގައި އެމެރިކާގެ ނައިބްރައީސް އަދި ރިޔާސީ ކެންޑިޑޭޓް ކަމަލާ ހެރިސް ބުނެފިއެވެ.

އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަމަލާ ހެރިސް ބުނީ އިންތިޚާބުގައި ކާމިޔާބު ލިބިއްޖެނަމަ، ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް އޭނާގެ ބާރުގައިވާ ހުރިހާ ކަމެއް ކުރާނެކަމަށް ވަޢުދުވަން ކަމަށެވެ. މި ވަޢުދު އޭނާ ވެފައިވަނީ އިންތިޚާބަށް ދެ ދުވަސް ބާކީ އޮއްވައި، މިޝިގަން ސްޓޭޓުގައި ބޭއްވުނު ކެމްޕޭން ރެލީއެއްގައެވެ.

“މިއަހަރަކީ ޣައްޒާގައި ހިނގި މަރުތަކާއި ހަލާކުވުމުގެ މިންވަރަށް ބަލާއިރު، އަދި ލުބުނާންގައި އާންމު ރައްޔިތުންނަށް ކުރިމަތިވި ގެއްލުންތަކާއި ނުރައްކާތަކަށް ބަލާއިރު ވަރަށް އުނދަގޫ އަހަރެއް. މިއީ ވަރަށް ހިތާމަވެރި ކަމެއް. އަދި ރައީސެއްގެ ގޮތުގައި އަހަރެން ޣައްޒާގެ ހަނގުރާމަ ހުއްޓުވުމަށާއި، ރަހީނުން ގެނައުމަށާއި، ޣައްޒާގެ ރައްޔިތުންގެ ވޭން ނިމުމަކަށް ގެނައުމަށާއި، އިޒްރާއީލުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށާއި، ފަލަސްތީނު ރައްޔިތުންނަށް ޝަރަފުވެރިކަމާއި، މިނިވަންކަމާއި، ރައްކާތެރިކަމާއި އަމިއްލަ ވެރިކަމެއް ޤާއިމުކުރުމުގެ ހައްޤު ލިބިދިނުމަށް އަހަރެންގެ ބާރުގައިވާ ހުރިހާ ކަމެއް ކުރާނަން،” ކަމަލާ ހެރިސް ބުންޏެވެ.

މިއަހަރުގެ އިންތިޚާބުގައި ކާމިޔާބު ހޯދުމަށްޓަކައި ކަމަލާ ހެރިސްއަށް ކޮންމެހެން ބޭނުންވަނީ މުހިންމު ހަތް ސްޓޭޓެއްގައި އަޣުލަބިއްޔަތު ހޯދުމެވެ. މިހާރު ޤައުމީ ފެންވަރުގައި ކުރީގެ ރައީސް އަދި ރިޕަބްލިކަން ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕާ ދެމެދު ވަރަށް ކައިރި ވާދައެއް ކުރިއަށްދާކަން ފާހަގަކުރެވެއެވެ. ރިއަލްކްލިއަރ ޕޮލިޓިކްސް ވެބްސައިޓުން އެއްކުރި ހޯދުންތަކުން ދައްކާގޮތުގައި ޤައުމީ ފެންވަރުގައި ޓްރަމްޕް ވަނީ އެންމެ 0.1 އިންސައްތައިގެ ކުރިއެރުމެއްގައެވެ. އަދި ފަސް ސަރވޭއަކުން ދައްކާގޮތުގައި ދެ ކެންޑިޑޭޓުންވެސް ވަނީ އެއްވަރުގައެވެ.

މިޝިގަންއަކީ ގިނަ އަރަބި އަދި މުސްލިމު ރައްޔިތުން ދިރިއުޅޭ ސްޓޭޓެއް ކަމަށްވުމާއެކު، އަދި 15 އިލެކްޓޯރަލް ކޮލެޖް ވޯޓު އޮތުމާއެކު، ކަމަލާ ހެރިސްގެ އިންތިޚާބީ ކާމިޔާބަށް މިއީ ވަރަށް މުހިންމު ސްޓޭޓެކެވެ. މިޝިގަންގެ އިތުރުން އެރިޒޯނާ، ޖޯޖިއާ، ނެވާޑާ، ނޯތު ކެރޮލައިނާ، ޕެންސިލްވޭނިއާ އަދި ވިސްކޮންސިން އަކީވެސް މިއަހަރުގެ އިންތިޚާބުގައި އެންމެ މުހިންމު ސްޓޭޓުތަކުގެ ގޮތުގައި ބެލެވޭ ސްޓޭޓްތަކެކެވެ.

ކަމަލާ ހެރިސްގެ މި ބަޔާނަކީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ގުޅޭގޮތުން އެމެރިކާގެ ސިޔާސަތަށް ބަދަލު ގެނައުމަށް ގޮވާލާ އަޑުތައް އުފުލެމުންދާ ދަނޑިވަޅެއްގައި ދީފައިވާ ބަޔާނެކެވެ. ޚާއްޞަކޮށް އެމެރިކާގެ މުސްލިމުންނާއި އަރަބި ނަސްލުގެ ރައްޔިތުން ވަނީ އިޒްރާއީލަށް ދެމުންދާ އެހީތެރިކަން ހުއްޓާލުމަށް ސަރުކާރަށް ގޮވާލަމުންނެވެ.

މި ބަޔާނުގައި ކަމަލާ ހެރިސް ވަނީ ޣައްޒާގެ ހަނގުރާމަ ހުއްޓުވުމުގެ އިތުރުން، އިޒްރާއީލުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމާއި، ފަލަސްތީނު ރައްޔިތުންގެ ހައްޤުތައް ހިމާޔަތްކުރުމަށްވެސް އިސްކަންދޭނެކަމަށް ބުނެފައެވެ. މިއީ ދެފަރާތުގެ މަޞްލަޙަތުތަކަށް ރިޢާޔަތްކޮށް، ހަމަހަމަކަމާއެކު މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރާނެކަމުގެ އިޝާރާތެއް ކަމުގައި ބެލެވެއެވެ.

އިންތިޚާބު ކައިރިވަމުންދާއިރު، މިފަދަ ބަޔާންތަކުން ވޯޓަރުންގެ ތާއީދު ހޯދުމަށް މަސައްކަތްކުރާކަން ފާހަގަކުރެވެއެވެ. ނަމަވެސް، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅޭގޮތުން އެމެރިކާގެ ސިޔާސަތު ބައްޓަންކުރާނެ ގޮތަކީ ގިނަ ވޯޓަރުން ސަމާލުކަން ދޭ މައްސަލައެއްކަން ފާހަގަކުރެވެއެވެ.

ޓެގް

ކަމަލާ އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.