އެމެރިކާއިން ޓައިވާނަށް ދިން އަސްކަރީ އެހީއަކީ އަލިފާނާ ކުޅުންކަމަށް ބުނެ ޗައިނާއިން އެމެރިކާއަށް އިންޒާރު ދީފިއެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ޓައިވާނަށް 571 މިލިއަން ޑޮލަރުގެ ދިފާއީ ތަކެއްޗާއި ޚިދުމަތްތަކާއި އަސްކަރީ ތަމްރީނު ފޯރުކޮށްދިނުމަށް ހުއްދަދީފައެވެ. މީގެ އިތުރުން، 295 މިލިއަން ޑޮލަރުގެ އަސްކަރީ ވިއްކުންތަކެއްގެ ހުއްދަދީފައިވާ ކަމަށް ޕެންޓަގަނުން ހުކުރު ދުވަހު ބުނެފައިވެއެވެ.
ޗައިނާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި އެމެރިކާއަށް ގޮވާލާފައިވަނީ ޓައިވާނަށް ހަތިޔާރު ދިނުން ހުއްޓާލުމަށާއި، “ޓައިވާންގެ ސުލްޙަވެރިކަމާއި ސްޓެބިލިޓީއަށް ނުރައްކާވާފަދަ ޢަމަލުތައް” ހުއްޓާލުމަށެވެ.
ޓައިވާނަކީ 23 މިލިއަން މީހުން ދިރިއުޅޭ ޑިމޮކްރެޓިކް ޖަޒީރާއެކެވެ. ނަމަވެސް ޗައިނާގެ ސަރުކާރުން ބުނަނީ މިއީ އެމީހުންގެ ސަރަޙައްދުގެ ތެރޭގައި ހިމެނޭ ތަނެއް ކަމަށާއި، އެމީހުންގެ ބާރުގެ ދަށަށް ގެންނަންޖެހޭނެ ކަމަށެވެ. އެމެރިކާއިން ޓައިވާނަށް ދޭ އަސްކަރީ އެހީތެރިކަމުގެ މަޤްޞަދަކީ ޓައިވާނަށް އަމިއްލަ ދިފާޢު ކުރުމަށް އެހީތެރިވުމާއި، ޗައިނާއިން ހަމަލާއެއް ދިނުން ހުއްޓުވުމަށް މަގު ފަހިކުރުމެވެ.
ޓައިވާނުގެ ޚާރިޖީ ވުޒާރާއިން މި ދެ ވިއްކުން ހުއްދަދިނުމަށް މަރުޙަބާ ކިޔާފައިވެއެވެ. އަދި މިއީ އެމެރިކާ ސަރުކާރުން “ޓައިވާންގެ ދިފާޢަށް” ދޭ ސަމާލުކަން އަލުން ކަށަވަރުކޮށްދިން ކަމެއް ކަމަށް އެކްސް (ޓްވިޓަރ) ގައި ޕޯސްޓެއް ކޮށްފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...