މެކްސިކޯ ކަނޑުގެ ނަން “ގަލްފް އޮފް އެމެރިކާ” އަށް ބަދަލުކުރުމަށްފަހު އެ ނަން ބޭނުންކުރުމަށް އިންކާރުކުރާތީ، އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ގެ ނޫސްވެރިންނަށް ވައިޓް ހައުސްގެ އޯވަލް އޮފީހާއި އެއަރ ފޯސް ވަން އަށް ވަދެނިކުމެ އުޅުމުގެ ހުއްދަ ނުދީ ހުރަސްއަޅައިފިއެވެ.
ވައިޓް ހައުސްގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފް ޓެއިލަރ ބުޑޯވިޗް ވިދާޅުވި ގޮތުގައި، ގާނޫނީ ގޮތުން ބަދަލުކުރެވިފައިވާ ނަމެއް ބޭނުން ނުކުރުމަކީ ދެކޮޅުވެރިކަން އުފެއްދުމުގެ އިތުރުން، އޭޕީގެ ފަރާތުން ދޮގު މަޢުލޫމާތު ފެތުރުމަށް ކުރާ މަސައްކަތެކެވެ. އަދި ޤާނޫނު އަސާސީގެ ފުރަތަމަ އިސްލާހުގެ ދަށުން އެފަދަ ރިޕޯޓުކުރުމުގެ ހައްގު ލިބިދީފައި ވީނަމަވެސް، އެއީ އޯވަލް އޮފީސް ފަދަ ޖާގަ ހަނި ތަންތަނަށް ހުރަހެއް ނެތި ވަދެނިކުމެ އުޅުމުގެ ހައްގު ކަށަވަރުކޮށްދޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
މި ހަނިކުރުންތަކާ ގުޅިގެން، އޭޕީގެ އެގްޒެކެޓިވް އެޑިޓަރ ޖޫލީ ޕޭސް ވަނީ ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ސޫޒީ ވައިލްސްއަށް ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައި ވިދާޅުވެފައިވަނީ މިއީ އޭޕީގެ އެޑިޓޯރިއަލް ނިންމުންތަކަށް އަމާޒުކޮށްގެން އަޅާ ފިޔަވަޅެއް ކަމަށާއި، ޤާނޫނު އަސާސީގެ ފުރަތަމަ އިސްލާހާ ޚިލާފު ކަމެއް ކަމަށެވެ.
އޭޕީން ބުނެފައިވާ ގޮތުގައި، ޓްރަމްޕްގެ އަމުރަކީ ހަމައެކަނި އެމެރިކާގެ ތެރޭގައި ހިނގާ އަމުރެއް ކަމަށާއި، މެކްސިކޯ އާއި އެހެން ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމާއަތްތަކުން މި ނަމަށް ގެނައި ބަދަލު ބަލައިގަތުމަކީ ލާޒިމް ކަމެއް ނޫނެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކަށް ޚަބަރު ފޯރުކޮށްދޭ ޚަބަރު އޭޖެންސީއެއްގެ ހައިސިއްޔަތުން، ތަންތަނުގެ ނަމާއި ޖިއޮގްރަފީ ހުރިހާ ފަރާތްތަކަކަށް ފަސޭހައިން ދެނެގަނެވޭ ގޮތަށް ބޭއްވުމަކީ މުހިންމު ކަމެއް ކަމަށް އޭޕީން ބުނެފައިވެއެވެ.
މި ހަފްތާގެ ތެރޭގައި، އޯވަލް އޮފީހުގެ އިވެންޓްތަކާއި، ހެލްތް އެންޑް ހިއުމަން ސަރވިސަސްގެ ސެކްރެޓަރީ ރޮބަޓް އެފް. ކެނެޑީ ޖޫނިއަރގެ ހުވާކުރުމުގެ ރަސްމިއްޔާތާއި، ޓްރަމްޕް އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާ ދެމެދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމަށް އޭޕީގެ ނޫސްވެރިންނަށް ވަނުން ވަނީ މަނާކުރެވިފައެވެ.
ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް އެސޯސިއޭޝަން (ޑަބްލިއުއެޗްސީއޭ) އިން މި މައްސަލައާ ގުޅިގެން ދެވަނަ ފަހަރަށް ބަޔާނެއް ނެރެ، މި ހަނިކުރުންތައް ކުށްވެރިކޮށްފައިވެއެވެ.
އެ އެސޯސިއޭޝަންގެ ރައީސް ޔުޖީން ޑެނިއަލްސް ވިދާޅުވެފައިވަނީ، ޓްރަމްޕް އާއި މޯދީގެ ނޫސްވެރިންގެ ބައްދަލުވުމަށް އޭޕީގެ ނޫސްވެރިންނަށް ވަނުން މަނާކުރުމަކީ ހައިރާންވާންޖެހޭ ކަމެއް ކަމަށާއި، މިހާރުވެސް ގަބޫލުކުރަން އުނދަގޫ މި މައްސަލަ އިތުރަށް ގޯސްވެގެން ދިއުމުގެ ނިޝާނެއް ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...