ގެދޮރިވެރިޔާ ސްކީމްގެ ދަށުން 1,820 ފަރާތަކަށް ފްލެޓު ލިބޭނެ ކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވެއްޖެއެވެ.
ހައުސިންގ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް ވަނީ ފްލެޓު ލިސްޓުގެ ވެރިފިކޭޝަން މަރުޙަލާ ނިންމާ، ފްލެޓު ލިބުމަށް ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު ހާމަކުރައްވާފައެވެ. ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ވިދާޅުވި ގޮތުގައި ޖުމްލަ 1,820 ފަރާތަކީ ގެދޮރިވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބޭނެ ފަރާތްތަކެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި، ވެރިފިކޭޝަން މަރުޙަލާގައި ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތާއި އޭސީސީގެ ތަޙުޤީޤަށް ރިޢާޔަތްކޮށް، 2023 ނޮވެމްބަރު 15 ގައި ގެޒެޓުކުރި ލިސްޓު ވެރިފައިކުރުމަށް އިސްކަންދެވުނު ކަމަށް ވިދާޅުވިއެވެ. އަދި ވެރިފިކޭޝަން ކުރިއަށްގެންދިޔައީ 2022 ޖޫން 26 ގައި ޢާންމުކޮށް ގެޒެޓުކުރި ގެދޮރުވެރިޔާ އުސޫލަށާއި، ގެދޮރުވެރިޔާ ޕޯޓަލްގައި ހިމެނިފައިވާ އިރުޝާދުތަކަށް ބެލިގެން ކަމަށްވެސް ވިދާޅުވިއެވެ.
މިއަދު އިޢުލާންކުރެވުނު ލިސްޓުގައި ހިމެނެނީ ކުރިން ސަރުކާރުން 4,000 ފަރާތަށް ފްލެޓު ލިބޭނެކަމަށް އިޢުލާންކުރި ލިސްޓުން ޝަރުތު ހަމަވާ ފަރާތްތަކެވެ. ވެރިފިކޭޝަނަށްފަހު:
- ތިން ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވަނީ 1,423 ފަރާތް
- ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވަނީ 397 ފަރާތް
މިނިސްޓަރ އިތުރަށް ވިދާޅުވީ، ފޯމުތައް ބެލުމަށްފަހު ޝަރުތު ހަމަނުވާ ފަރާތްތަކާއި ޕޮއިންޓު އުނިވެގެން ފްލެޓު ނުލިބޭ ފަރާތްތައް ވަނީ މި ޕްރޮސެސްއިން ބާކީކުރެވިފައިކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން ޝަކުވާއެއް އޮތްނަމަ ސިޓީ ނުވަތަ އީމެއިލް މެދުވެރިކޮށް ހައުސިންގ މިނިސްޓްރީއަށް ހުށަހެޅުމުގެ ފުރުޞަތު އޮތްކަމަށްވެސް ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ޔަޤީންކަން ދެއްވީ ވެރިފިކޭޝަން މަރުޙަލާގައި ޕޯޓަލްގައި ހުށަހަޅާފައިވާ ފޯމުތަކަށް ނުވަތަ ލިޔެކިޔުންތަކަށް އެއްވެސް ބަދަލެއް ގެނައުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ލިބިފައި ނުވާނެކަމަށެވެ. އަދި ފްލެޓަށް އެދި ހުށަހަޅާފައިވާ މަޢުލޫމާތުތަކުގެ ޞައްޙަކަން ކަށަވަރުކުރުމަށް ސަރުކާރުގެ ޑޭޓާބޭސްތަކަށް ބެލިފައިވާކަމަށްވެސް ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...