ޣައްޒާގެ އުތުރުގައި އިންސާނީ އެހީގެ ގޮތުގައި ލިބުނު ފުށް ހޯދުމަށް އެއްވެ ތިބި ޕަލަސްތީނުގެ އާންމުންތަކެއްގެ ގަޔަށް އިސްރާއީލު ސިފައިން ބަޑިޖަހައި ހިންގި ލާއިންސާނީ ހަމަލާގައި މަދުވެގެން 40 މީހަކު ޝަހީދުވެ، 100 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.
މި ހަމަލާ ދީފައިވަނީ ޣައްޒާ ސިޓީގެ ދެކުނުގައިވާ ކުވެއިތު ރައުންޑްއަބައުޓް ސަރަޙައްދުގައެވެ. މިއީ މިފަދަ އެތައް ހާދިސާއަކަށްފަހު، އެހީއަށް އިންތިޒާރުކުރާ އާންމުންނަށް އަމާޒުކޮށް ދިން އެންމެ ފަހުގެ މަރުގެ ހަމަލާއެވެ.
އަލްޖަޒީރާއާ ވާހަކަ ދެއްކި މިމަންޒަރު ދުށް މީހުން ބުނީ، އެހީގެ ޓްރެކްތައް އައުމާއެކު ބަނޑުހައިވެފައިވާ އެތައްސަތޭކަ މީހުން އެ ސަރަހައްދަށް ޖަމާވި ކަމަށެވެ. އެވަގުތު އެއްވެސް އިންޒާރަކާ ނުލައި، އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުން ދިޔަ އިސްރާއީލުގެ ޓޭންކުތަކާއި ކުއަޑްކޮޕްޓަރު (ޑްރޯން) ތަކުން އެމީހުންގެ ގަޔަށް ސީދާ ބަޑިޖަހަން ފެށި ކަމަށެވެ.
އަހަރުމެން ތިބީ އަހަރުމެންގެ ދަރިންނަށް ކާންދޭނެ ފުށް ކޮތަޅެއް ލިބޭތޯ އިންތިޒާރުގަ. އެކަމަކު އަހަރުމެންނާ ދިމާއަށް އައީ ވަޒަން،” ހާދިސާ ހިނގި ތަނުގައި ހުރި މީހަކު ކިޔައިދިނެވެ.
ޞިއްޙީ މަސްއޫލުވެރިން ބުނީ ޒަޚަމްވި މީހުންގެ ތެރެއިން ގިނަ މީހުންނަށް ވަޒަން އަރާފައިވަނީ ހަށިގަނޑުގެ މަތީ ބަޔަށާއި ބޮލަށް ކަމަށާއި، މިއީ ގަސްތުގައި މީހުން މެރުމަށް އަމާޒުކޮށް ހަމަލާދިންކަން އަންގައިދޭ ހެއްކެއް ކަމަށެވެ.
ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ވަނީ މި ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ “މިއީ ބަނޑުހައި ހޫނުކަން ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށް، ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުތަކުގެ ތެރެއިން އިތުރު ޖަރީމާއެއް” ކަމަށެވެ.
އަދި އެމެރިކާގެ ސަރުކާރާއި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ހިމޭންވުމަކީ އިސްރާއީލަށް މިފަދަ ހަމަލާމާތައް ހިންގުމަށް ލިބޭ “ފެހި ސިގްނަލެއް”ކަމަށެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ މި ހާދިސާގެ ރިޕޯޓްތައް ލިބިފައިވާ ކަމަށާއި، “މައްސަލަ ތަޙްޤީޤު ކުރަމުން އަންނަ” ކަމަށެވެ. އިސްރާއީލުން މީގެ ކުރިން މިފަދަ ހާދިސާތަކުގައި ބުނެފައިވަނީ، އެމީހުން ހަމަލާދެނީ ހަތިޔާރުއެޅި މީހުންނަށް ކަމަށާއި، ނުވަތަ އާންމުންނަށް އަނިޔާވަނީ ޓްރަކްތަކުގެ ދަށުވެގެން ނުވަތަ ހަމަނުޖެހުން ތަކުގެ ތެރެއިން ކަމަށެވެ.
މިއީ ޣައްޒާގައި އެހީ ހޯދަން މަސައްކަތްކުރާ މީހުންނަށް އަމާޒުކޮށް ދިން ފުރަތަމަ ހަމަލާއެއް ނޫނެވެ. މީގެ ކުރިން، ފެބުރުއަރީ މަހު “ފުށް ގަތުލުއާންމު” (Flour Massacre) ގެ ނަމުން މަޝްހޫރުވި ހާދިސާގައި ވެސް 100 އަށްވުރެ ގިނަ ޕަލަސްތީނު ރައްޔިތުން ވަނީ މިފަދަ ހާދިސާއެއްގައި އިސްރާއީލު ސިފައިންގެ ހަމަލާތަކުގައި ޝަހީދުވެފައެވެ.
މި ހަމަލާތަކާ ގުޅިގެން ޣައްޒާއަށް އެކަށީގެންވާ ގޮތެއްގައި އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި، އެހީ ބެހުމުގެ ކަންކަން ރައްކާތެރިކުރުމަށް ބައިނަލްއަޤްވާމީ ފިއްތުންތައް ދަނީ އިތުރުވަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...