އިސްރާއީލުން އިރާނުގެ މުހިންމު ނިއުކްލިއަރ މަރުކަޒެއް ހުންނަ އިސްފަހާނަށް ހަމަލާދިނުމާ ގުޅިގެން، އިރާނުން މިއަދު ހެނދުނުން ފެށިގެން އިސްރާއީލުގެ މެދުތެރެއަށް މިސައިލް ހަމަލާތަކެއް ދެމުން އެބަދެއެވެ.
މި ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ ހޯލޮންގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ހަމަލާތަކާ ގުޅިގެން ވާހަކަ ދައްކަވަމުން، އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާޤްޗީ ވިދާޅުވީ އިރާނުގެ ނިއުކްލިއަރ ޕްރޮގްރާމަކީ ސުލްހަވެރި މަޤްސަދުތަކެއްގައި ހިންގާ ޕްރޮގްރާމެއް ކަމަށާއި، އަދިވެސް ޑިޕްލޮމެސީއަށް އެޤައުމު ހުޅުވިފައިވާ ކަމަށެވެ. ނަމަވެސް، ވާހަކަ ދެއްކުމުގެ ކުރިން އިސްރާއީލުގެ ހަމަލާތައް ހުއްޓާލަން ޖެހޭނެ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
އިސްރާއީލުގެ އަސްކަރިއްޔާގެ އިސްވެރިޔާ އިޔާލް ޒަމީރު ވަނީ އިރާނާ ދެކޮޅަށް “ދިގު މުއްދަތެއްގެ ހަނގުރާމައަކަށް” އިސްރާއީލު ތައްޔާރުވެގެން ތިބުމަށް އިންޒާރު ދެއްވާފައެވެ. އިސްރާއީލުން އިރާނަށް ހަމަލާދޭން ފަށާފައިވާތާ މިހާރު ނުވަ ދުވަސް ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ބައިނަލްއަޤްވާމީ އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއީއޭ) އިން ވަނީ އިސްރާއީލުގެ ހަމަލާތަކަށްފަހު، އިރާނުގެ ނަތާންޒް ނިއުކްލިއަރ ފެސިލިޓީގެ ތެރޭގައި “ރޭޑިއޮލޮޖިކަލް އަދި ކެމިކަލް ތަޣައްޔަރުވުމުގެ” ނުރައްކަލެއް އޮތްކަމުގެ އިންޒާރު ދީފައެވެ. ނަމަވެސް، މިވަގުތާ ހަމައަށް އެ ސަރަހައްދުން ބޭރުގައި ރޭޑިއޯއެކްޓިވިޓީއަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމަށް އެއޭޖެންސީން ބުނެއެވެ.
މި މައްސަލަ ބައިނަލްއަޤްވާމީ ފެންވަރުގައި ހޫނުވެފައިވާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އެޤައުމުގެ ނޭޝަނަލް އިންޓެލިޖެންސްގެ ޑިރެކްޓަރު ޓުލްސީ ގަބާޑަށް ފާޅުގައި ފާޑުވިދާޅުވެފައެވެ. ޓްރަމްޕް ވިދާޅުވީ، އިރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދަމުންދާ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ގަބާޑް ވިދާޅުވުމަކީ ކުށްހީއެއް ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...