އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކުގައި ހިންގާ ޝަރީއަތަކީ، އޭނާ ބަދުނާމުކޮށް ސިޔާސީ ގޮތުން ބަދަލުހިފުމަށް ހިންގާ ކަމެއް ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ޝަރީއަތް ހުއްޓާލުމަށް ގޮވާލައްވައިފިއެވެ.
ޓްރަމްޕް ވަނީ ނަތަންޔާހޫއަކީ އިސްރާއީލްގެ ތާރީޚްގައި ހަނގުރާމައިގެ މައިދާނުގައި ފެނުނު އެންމެ ވަރުގަދަ އެއް “މުޖާހިދު” ކަމަށް ސިފަކުރައްވައި، އޭނާއަށް ވަރަށް ބޮޑަށް ތަޢުރީފު ކުރައްވާފައެވެ.
ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްރުތްގައި އޭނާ ނެރުއްވި ބަޔާނެއްގައި ޓްރަމްޕް ވިދާޅުވީ، އިސްރާއީލްއިން އެ ޤައުމުގެ “ހަނގުރާމަވެރި މަތިވެރި ބޮޑުވަޒީރު”އާ ދެކޮޅަށް މިފަދަ “މަލާމާތުގެ ޝަރީއަތެއް” ކުރިއަށް ގެންދާކަން އެނގުމުން ވަރަށް ބޮޑު ސިހުމެއް ލިބިވަޑައިގެންނެވި ކަމަށެވެ.
ޓްރަމްޕް ވަނީ އޭނާއާއި ނަތަންޔާހޫ ގުޅިގެން އިރާނާ ދެކޮޅަށް ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވައި، ނަތަންޔާހޫގެ ކުޅަދާނަކަމާއި، “މުޤައްދަސް ބިމަށް” އޭނާގެ ހިތުގައި އޮތް ލޯބި ސިފަކުރައްވާފައެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި، ނަތަންޔާހޫއާ ދެކޮޅަށް އުފުލާފައިވާ ދަޢުވާތަކަކީ “ސިގިރޭޓަކާއި، ބަގްސް ބަނީ ކާރޓޫނުގެ ބުދަކާއި” އަދި މިނޫންވެސް ހަގީގަތާ ޚިލާފު ކަންކަމާ ގުޅުވައިގެން އޭނާއަށް ގެއްލުން ދިނުމުގެ މަޤްޞަދުގައި އުފުލާފައިވާ ސިޔާސީ ދަޢުވާތަކެކެވެ. “ޤައުމަށް މިހާ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅަކަށް މިފަދަ ގޮތަކަށް ކަންތައް ކުރުމަކީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން،” ޓްރަމްޕް ވިދާޅުވިއެވެ.
މި ބަޔާނުގައި ޓްރަމްޕް ވަނީ ނަތަންޔާހޫގެ ޝަރީއަތް “އެއްވެސް ލަސްކުރުމެއްނެތި ވަގުތުން އުވާލުމަށް” ނުވަތަ އެ “މަތިވެރި ޤައުމީ ބަތަލަށް” ރިޔާސީ މާފެއް ދިނުމަށް ގޮވާލައްވާފައެވެ. އަދި އޭނާގެ ވެރިކަމުގައި އެމެރިކާއިން އިސްރާއީލް ސަލާމަތްކުރި ފަދައިން، މިހާރު ނަތަންޔާހޫ ސަލާމަތް ކުރަން ޖެހޭނީ ވެސް އެމެރިކާއިން ކަމަށް އިޝާރާތް ކުރައްވާފައިވެއެވެ. “އިންސާފުގެ ނަމުގައި ހިންގާ މި މަލާމާތް ހުއްޓުވަން ޖެހޭނެ!” ކަމަށް ޓްރަމްޕް ވަނީ ބަޔާން ނިންމަވާލައްވަމުން ވިދާޅުވެފައެވެ.
ނަތަންޔާހޫއަކީ މަގާމުގައި ހުންނަވަނިކޮށް ޝަރީއަތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އިސްރާއީލްގެ ފުރަތަމަ ބޮޑުވަޒީރެވެ. އޭނާގެ މައްޗަށް ރިޝްވަތު ހިފުމާއި، އިތުބާރު ގެއްލުވާލުމާއި، މަކަރާއި ހީލަތުގެ ދަޢުވާތައް އުފުލާފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...