ދީން މުސީބާތްތަކުން ސަލާމަތްވުމަށް އޮތީ އީމާންކަމާއި އިސްލާމްކަން: ހުކުރު ޚުތުބާ

މުސީބާތްތަކުން ސަލާމަތްވުމަށް އޮތީ އީމާންކަމާއި އިސްލާމްކަން: ހުކުރު ޚުތުބާ

މުސީބާތްތަކުން ސަލާމަތްވުމަށް އޮތީ އީމާންކަމާއި އިސްލާމްކަން: ހުކުރު ޚުތުބާ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މުސީބާތްތަކުން ސަލާމަތްވެވޭނީ އިސްލާމްކަމާއި އީމާންކަމުން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި، ހަނދާންކޮށްދީފިއެވެ. މި ޚުތުބާގައި ޢާޝޫރާ ދުވަހުގެ މާތްކަމާއި، ފިރުޢައުނުގެ ކިބައިން މޫސާގެފާނު ސަލާމަތްކުރެއްވި ހާދިސާގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.

ޚުތުބާގައި ބަޔާންކުރައްވާފައިވާ ގޮތުގައި، ޢާޝޫރާ ދުވަހަކީ ހެޔޮކަމާއި ޒިކުރުތަކާއި ފިލާވަޅުތަކުން ފުރިގެންވާ ދުވަހެކެވެ. އެއީ ފިރުޢައުނުގެ ކިބައިން މޫސާގެފާނު ސަލާމަތްކުރައްވައި، ފިރުޢައުނާއި އޭނާގެ ލަޝްކަރު ކަނޑަށް ޣަރަގުކުރެއްވި ދުވަހެވެ. ބަނީ އިސްރާއީލު ބާގައިގެ މީހުން މިޞްރުން ސިއްރިއްޔާތުގައި ނުކުތުމުން، ފިރުޢައުނު އޭނާގެ ލަޝްކަރީން އެއްކޮށް، މޫސާގެފާނާއި އެކަލޭގެފާނުގެ ޤައުމު މުޅީން ނައްތައިލުމަށް ނުކުތެވެ. ފިރުޢައުނުގެ ބިޔަ ލަޝްކަރު ފެނުމުން މޫސާގެފާނުގެ ޤައުމުގެ މީހުން ބިރުގަތް ނަމަވެސް، މޫސާގެފާނު ވަރަށް އިތުބާރާއި ޔަޤީންކަމާއެކު ވިދާޅުވިއެވެ. “ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރި ރަސްކަލާނގެ ތިމަންނާއާ އެކު (ނަޞްރުދެއްވުމުގައި) ވޮޑިގެންވެއެވެ. އެކަލާނގެ ތިމަންނާއަށް މަގުދައްކަވާނެތެވެ.”

ފިރުޢައުނުގެ ލަޝްކަރު ބަނީ އިސްރާއީލު ބާގައިގެ މީހުންނާ ކައިރިވުމުން މާތް ﷲ މޫސާގެފާނަށް އެކަލޭގެފާނުގެ އަސާކޮޅުން ކަނޑުގައި ޖެއްސެވުމަށް އަމުރުކުރެއްވިއެވެ. އެ ހިނދު ކަނޑުގެ މެދުން މަގުތަކެއް އުފެދި، ބަނީ އިސްރާއީލު ބާގައިގެ މީހުން ކަނޑު ހުރަސްކޮށް ދިޔައެވެ. އެ މަގުތަކުން ފިރުޢައުނުގެ ލަޝްކަރު ވަދެ ނިމުމުން ކަނޑު ކުރިން އޮތް ގޮތަށް މާތް ﷲ ބަދަލުކުރެއްވިއެވެ.

މިފަދަ ޙާދިސާތަކުން ގިނަ އިބުރަތްތަކާއި ދަރުސްތަކެއް ލިބެއެވެ. އޭގެން ލިބޭ އެންމެ މުހިންމު ފިލާވަޅަކީ ﷲގެ ނަބިއްޔުންނާއި އެކަލާނގެއަށް އީމާންވާ މީސްތަކުން، ބޮޑެތި މުޞީބާތްތަކުން ސަލާމަތްކުރައްވާ ގޮތް އެނގި، އީމާންކަން ހަރުދަނާކުރުމަށް މަސައްކަތްކުރުމުގެ ފިލާވަޅެވެ. ﷲގެ މަގަށް ރުޖޫޢަވެގެން ނޫނީ ދެދުނިޔޭގެ ސަލާމަތްތެރިކަމެއް ނެތްކަން ޚުތުބާގައި ހަނދާންކޮށްދީފައިވެއެވެ. މުޞީބާތްތަކުން ސަލާމަތްވެވޭނީ އީމާންކަމާއި އިސްލާމްކަމުންކަމާއި، އާޚިރަތުގައި ނަޞްރާއި ނަޞީބު ލިބުމުގެ މަގަކީ އެއީކަމެވެ.

މާތް ﷲއަށް ކާފިރުވެ، ދުނިޔެ ފަސާދަކުރަން އުޅޭ މީހުންނަށް ގަދަފަދަ އަޒާބުދެއްވައި ނެތިކުރައްވާނެކަން ފިރުޢައުނު ކަނޑަށް ޣަރަގުކުރެއްވި ޙާދިސާއިން އެނގެއެވެ. އެކަމުގައި އެ މީހުންނަށް ކާމިޔާބެއް ނުލިބޭނެ ކަމަށާއި ފަސާދައާ ދެކޮޅަށް ތެދުވަން ޖެހޭނެކަން ޚުތުބާގައި ހަނދާންކޮށްދީފައިވެއެވެ. އަދި، ﷲއަށް އީމާންވާ މީހުންނަށް ދުނިޔޭގެ އިއްޒަތާއި ޝަރަފާއި ޤަދަރު ދެއްވާނެ ކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ހަމައެހެންމެ، ޢާޝޫރާ ދުވަހު ރޯދަހިފުން ފިޔަވައި، އެ ދުވަހާއި އެރޭ ވަކި ދުޢާއެއްކުރުމާއި އަޅުކަންތަކެއް ކުރާކަށް ދީނުގައި ޝަރުޢުކުރައްވައިފައެއް ނެތްކަމަށް ޚުތުބާގައި ބުނެފައިވެއެވެ. މުޙައްރަމް މަހަކީ، މާތް ﷲ ޙުރްމަތްތެރިކުރައްވައިފައިވާ މަހެއް ކަމަށާއި ރޯދަމަހަށްފަހު، ރޯދަހިފުން އެންމެ އިތުރުވެގެންވަނީ އެ މަހު ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.