ބޭރުދުނިޔެ އެމެރިކާގެ ހަމަލާތަކަށްފަހު އިރާނުން އިސްރާއީލަށް ހަމަލާދީފި

އެމެރިކާގެ ހަމަލާތަކަށްފަހު އިރާނުން އިސްރާއީލަށް ހަމަލާދީފި

އެމެރިކާގެ ހަމަލާތަކަށްފަހު އިރާނުން އިސްރާއީލަށް ހަމަލާދީފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އެމެރިކާއިން އިރާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށް ރޭ ދިން ހަމަލާތަކަށްފަހު، އިރާނުން އިސްރާއީލުގެ އެކި ސަރަހައްދުތަކަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފިއެވެ.

މި ހަމަލާތަކުގައި ބެން ގުރިއަން އެއާޕޯޓާއި، ބަޔޮލޮޖިކަލް ރިސާޗް ސެންޓަރުތަކާއި، އިސްރާއީލުގެ ކޮމާންޑް އެންޑް ކޮންޓްރޯލް ފެސިލިޓީތައް އަމާޒުކޮށްފައިވެއެވެ. .

އީރާނުގެ މިހަމަލާތަކާގުޅިގެން އިސްރާއީލުން ވެސް ވަނީ ހުޅަނގު އިރާނުގެ އަސްކަރީ ސައިޓުތަކަށް ރައްދު ހަމަލާތަކެއް ދީފައެވެ.

އިސްރާއީލުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި، އިރާނުން މަދުވެގެން 40 މިސައިލް އިސްރާއީލްގެ އެކިސަރަހައްދުތަކަށް ފޮނުވާލައިފައިވާއިރު، ހައިފާ، ތެލް އަވީވް އަދި އިސްރާއީލުގެ އައްސޭރިފަށުގެ އެހެން ސަރަހައްދުތަކަށް ވެސް ވަނީ އަސަރުކޮށްފައެވެ.

އިސްރާއީލުގެ ޕަބްލިކް ބްރޯޑްކާސްޓަރ ކޭއޭއެން އިން ރިޕޯޓުކުރި ގޮތުގައި، އިރާނުގެ މިސައިލްތައް އެ ގައުމުގެ އެތެރޭގައި ވަކި 10 ސަރަހައްދަކަށް ވެއްޓިފައިވެއެވެ.

އިސްރާއީލުގެ ޗެނަލް 14 އިން ކަށަވަރުކޮށްދިން ގޮތުގައި، އިރާނުގެ ފަސް މިސައިލް އިސްރާއީލުގެ މެދުތެރޭ ސަރަހައްދަށް އަރާފައިވާއިރު، އޭގެ ތެރެއިން ތިން މިސައިލް ހައިފާ ސަރަހައްދަށާއި ދެ މިސައިލް މެދުތެރޭ އިސްރާއީލަށް އަރާފައިވެއެވެ.

ހައިފާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ޔެޑިއޯތު އަހްރޮނޯތު ނޫހުން ރިޕޯޓުކުރާއިރު ތެލް އަވީވްގެ ބޮޑު ސަރަހައްދެއްގައި ހުރި އިމާރާތަކަށް ސީދާ އަސަރުކޮށްފައިވާކަމަށާއި، އިރާނުގެ މިސައިލް ހަމަލާތަކުގެ ސަބަބުން އައްސޭރިފަށުގެ ސަރަހައްދުގައި ގިނަ އިމާރާތްތަކެއް ވަނީ ހަލާކުވެފައެވެ.

އިސްރާއީލުގެ ކުއްލި ހާލަތުގެ ހިދުމަތްދޭ މާގެން ޑޭވިޑް އަޑޮމް އިން ރިޕޯޓުކުރި ގޮތުގައި، އެމީހުންގެ ޓީމުތަކުން ވަނީ އަސަރުކުރި ގިނަ ސަރަހައްދުތަކަށް ގޮސްފައެވެ. އެހަމަލާތަކުގައި 11 މީހަކަށް އަނިޔާވެފައިވާއިރު، އޭގެ ތެރެއިން އެކަކުގެ ހާލު ސީރިޔަސް ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.

ފަހުން ޗެނަލް 13 އިން ރިޕޯޓުކުރި ގޮތުގައި، އަނިޔާވި މީހުންގެ އަދަދު 16 އަށް އަރާފައިވާއިރު، ޔެޑިއޯތު އަހްރޮނޯތު އިން ކަށަވަރުކޮށްދިން ގޮތުގައި، މަދުވެގެން 23 މީހަކަށް އަނިޔާވެފައިވެއެވެ. އޭގެ ތެރެއިން ގިނަ މީހުންނަށް ލިބިފައިވަނީ ކުދިކުދި އަނިޔާތަކެވެ.

އިރާނުގެ އަސްކަރީ އޮޕަރޭޝަން އަލް-ވަޢުދު އަލް-ސާދިގު 3 (ޓްރޫ ޕްރޮމިސް 3) ގެ ތަރުޖަމާނަކު ވިދާޅުވީ، މި މިސައިލް ހަމަލާތަކުގެ އަމާޒަކީ ބެން ގުރިއަން އެއާޕޯޓާއި، ބަޔޮލޮޖިކަލް ރިސާޗް ސެންޓަރުތަކާއި، އިސްރާއީލުގެ ކޮމާންޑް އެންޑް ކޮންޓްރޯލް ފެސިލިޓީތައް ކަމަށެވެ.

އިސްރާއީލުގެ އަސްކަރީ ތަރުޖަމާނު އަވިޗޭ އަދްރާއީ ކަށަވަރުކޮށްދެއްވީ، އިސްރާއީލުގެ ވައިގެ ބާރުން ހުޅަނގު އިރާނުގެ އަސްކަރީ އަމާޒުތަކަށް ރައްދު ހަމަލާތައް ދީފައިވާ ކަމަށެވެ. މި ހަމަލާތަކުގެ ތެރޭގައި މިސައިލް ލޯންޗަރުތަކާއި، އިސްރާއީލަށް އިތުރު ހަމަލާތައް ދިނުމަށް ތައްޔާރުވަމުންދިޔަ އިރާނުގެ ސިފައިން ހިމެނެއެވެ.

މި ހަމަލާތައް ފެށިފައިވަނީ ޖޫން 13 ވަނަ ދުވަހު އިސްރާއީލުން އިރާނުގެ އެކި ސަރަހައްދުތަކަށް، އޭގެ ތެރޭގައި އަސްކަރީ އަދި ނިއުކްލިއަރ ފެސިލިޓީތައް ހިމެނޭ ގޮތަށް ވައިގެ ހަމަލާތައް ދިނުމުންނެވެ. އެއަށްފަހު އިރާނުން ވަނީ ރައްދު ހަމަލާތައް ދީފައެވެ.

އިސްރާއީލުގެ އޮފިޝަލުން ބުނާ ގޮތުގައި، އިރާނުގެ މިސައިލް ހަމަލާތަކުގައި މަދުވެގެން 25 މީހުން މަރުވެ، ސަތޭކައަށްވުރެ ގިނަ މީހުނަށް އަނިޔާވެފައިވެއެވެ.

މިދިޔަ ދުވަސްތަކުގައި އިސްރާއީލުގެ ހަމަލާތަކުގައި އީރާނުން 430 މީހުން މަރުވެ، 3,500 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް އިރާނުގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

ޓެގް

އީރާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.