ބޭރުދުނިޔެ އީރާނަށް ދިން ހަމަލައާ ގުޅިގެން، އެމެރިކާއިން ޓްރެވަލް ވޯނިންއެއް ނެރެފި

އީރާނަށް ދިން ހަމަލައާ ގުޅިގެން، އެމެރިކާއިން ޓްރެވަލް ވޯނިންއެއް ނެރެފި

އީރާނަށް ދިން ހަމަލައާ ގުޅިގެން، އެމެރިކާއިން ޓްރެވަލް ވޯނިންއެއް ނެރެފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަކަށް އެމެރިކާއިން ހަމަލާދިނުމާ ގުޅިގެން، އެ ގައުމުން ބޭރުގައި ދިރިއުޅޭ އެމެރިކާގެ ރައްޔިތުންނަށް، ދަތުރުފަތުރު ކުރުމުގައި އިތުރަށް ސަމާލުވުމަށް އެގައުމުގެ ސްޓޭޓް ޑިޕާޓްމަންޓުން އަންގައިފި އެވެ.

“އިސްރާއީލާއި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން މެދުއިރުމަތީގެ ދަތުރުފަތުރުގެ ނިޒާމަށް ބުރޫއަރައި، ދޭތެރެ ދޭތެރެއިން ވައިގެ ސަރަހައްދުތައް ބަންދުކުރެވިފައިވޭ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމެރިކާގެ ރައްޔިތުން އިތުރަށް ސަމާލުވުމަށް ސްޓޭޓް ޑިޕާޓްމަންޓުން އިލްތިމާސްކުރަން.” ސްޓޭޓް ޑިޕާޓްމަންޓްގެ ބަޔާނުގައިވެއެވެ.

މި ހަމަލާއާ ގުޅިގެން އީރާނުން ވަނީ ބަދަލުހިފާނެ ކަމަށް ބުނެފައެވެ. އަދި ޖަވާބީ ހަމަލާ ދޭނެ ގޮތާއި، ވަގުތާއި ތަނާ ބެހޭ ގޮތުން ގޮތެއް ނިންމަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.

އިސްރާއީލާއި އީރާނާ ދެމެދު އަހަރުތަކެއް ވަންދެން ޕްރޮކްސީ ހަނގުރާމައެއް ހިނގަމުން އައި ނަމަވެސް، މިކަން ވަރަށް ބޮޑަށް ގޯސްވެގެން ދިޔައީ އީރާނުގެ އެހީ އޮންނަ ހަމާސް ޖަމާއަތުން 7 އޮކްޓޯބަރ 2023 ގައި އިސްރާއީލަށް ދިން ކުއްލި ހަމަލާއާ ގުޅިގެންނެވެ.

މި މަހުގެ ކުރީކޮޅު، އިސްރާއީލުން އީރާނުގެ ބައެއް ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދީ، އެގައުމުގެ އިސް އަސްކަރީ އޮފިސަރުންތަކެއް މަރާލުމާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ ވަނީ އިތުރަށް ވަރުގަދަވެފައެވެ. އޭގެ ބަދަލެއްގެ ގޮތުން އީރާނުން ވަނީ އިސްރާއީލުގެ ޓެލްއަވީވް އާއި އެހެނިހެން ސަރަހައްދުތަކަށް ހަމަލާތަކެއް އަމާޒުކޮށްފައެވެ.

މި އިންޒާރު އައިސްފައި މިވަނީ، މިދިޔަ ހަފުތާގައި އިސްރާއީލް، ހުޅަނގު އައްސޭރި އަދި ޣައްޒާއަށް ދަތުރުނުކުރުމަށް އެމެރިކާ ރައްޔިތުންނަށް އަންގާފައި ވަނިކޮށެވެ.

ޖޫން 14 ވަނަ ދުވަހު، ސަރަހައްދުގެ ސަލާމަތީ ހާލަތު އޮތް ގޮތުން، އިސްރާއީލުގައި ތިބި އެމެރިކާ ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން ވަރަށްބޮޑަށް މުހިންމުނީން މުވައްޒަފުންނާއި އެމީހުންގެ އާއިލާތަކަށް އަމިއްލަ އިޚްތިޔާރުގައި އެ ގައުމުން ފުރުމުގެ ހުއްދަ އެމެރިކާއިން ވަނީ ދީފައެވެ.

އީރާނުގެ އަތުގައި ނިއުކްލިއާ ހަތިޔާރެއް ނެތް ނަމަވެސް، އެފަދަ ހަތިޔާރެއް އުފެއްދުމަށް މަސައްކަތްކޮށްފާނެ ކަމުގެ ބިރު، އެމެރިކާ އާއި އިސްރާއީލުން އީރާނާ މެދު ގެންގުޅޭ ޚާރިޖީ ސިޔާސަތުގައި ވަނީ އެންމެ އިސްކަމެއް ދެވިފައިވާ ކަންތައްތަކުގެ ތެރޭގައެވެ.

ޓެގް

އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.