ޚަބަރު އިސްރާއީލާއި އެމެރިކާގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ބޮޑު ޖަނާޒާއެއް އީރާނުން ބާއްވައިފި

އިސްރާއީލާއި އެމެރިކާގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ބޮޑު ޖަނާޒާއެއް އީރާނުން ބާއްވައިފި

އިސްރާއީލާއި އެމެރިކާގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ބޮޑު ޖަނާޒާއެއް އީރާނުން ބާއްވައިފި

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

އިސްރާއީލާއި އެމެރިކާއިން 12 ދުވަހުގެ މުއްދަތަށް ދިން އުދުވާނީ ހަމަލާތަކުގައި ޝަހީދުވި 60 މީހުންގެ ބޮޑު ޖަނާޒާ، އީރާނުން ވަރަށް ފުރިހަމަ ގޮތެއްގައި ބާއްވައިފިއެވެ. ޝަހީދުވި މީހުންގެ ތެރޭގައި ނިއުކްލިއަރ ސައިންޓިސްޓުންނާއި، އަސްކަރީ ކޮމާންޑަރުންނާއި އާންމު ރައްޔިތުން ހިމެނެއެވެ.

މި ބޮޑު ޖަނާޒާގެ ހަރަކާތްތައް ފަށާފައިވަނީ ހޮނިހިރު މިއަދު ހެނދުނު 8:00 (0430 ޖީއެމްޓީ) ގައި ވެރިރަށް ތެހެރާނުގެ އެންގިލާބް މައިދާނުންނެވެ. އެއަށްފަހު، ގާތްގަނޑަކަށް 11 ކިލޯމީޓަރު ދުރުގައިވާ އާޒާދީ މައިދާނުގައި ޖަނާޒާގެ ޖަލުސާއެއް ކުރިއަށް ގެންދެވުނެވެ.

މި ޖަނާޒާގައި ހިތާމަކުރާ އެތައް ހާސް ބަޔަކު ބައިވެރިވެ، “އިސްރާއީލަށް މަރު”، “އެމެރިކާއަށް މަރު” ފަދަ އަޑުތައް އުފުލަމުން ހިނގާލުމުގައި ބައިވެރިވިއެވެ. ބައެއް މީހުން އުފުލި ބެނާތަކުގައި ޝިޢާރުތައް ލިޔެފައި ހުއްޓެވެ. “ބޫމް ބޫމް ތަލް އަވީވް” މިހެން ލިޔެފައިވާ ބެނާއެއް ފާހަގަކޮށްލެވުނުއިރު، އެއީ އީރާނަށް ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އިސްރާއީލަށް އީރާނުން ފޮނުވާލި މިސައިލްތަކަށް އިޝާރާތްކޮށް ލިޔެފައިވާ ޝިޢާރެކެވެ.

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންއާއި، ސަރުކާރުގެ އިސްވެރިންނާއި، އަސްކަރިއްޔާގެ ކޮމާންޑަރުން މި ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ޤުދުސް ފޯސްގެ ހެޑް، ބްރިގޭޑިއަރ ޖެނެރަލް އިސްމާއިލް ޤާއާނީ ވެސް ހިމެނިވަޑައިގަންނަވައެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއިލް ބާޣާއީ، މި ހަރަކާތުގައި ބައިވެރިވެވަޑައިގެން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީދުވި ފަރާތްތަކަށް ވަރަށް ފުރިހަމަ ތަޢުރީފެއް ކުރައްވާފައިވެއެވެ. “މިއަދު އީރާނުގެ ޣީރަތްތެރި ރައްޔިތުން، ފުން ހިތާމައާއެކުވެސް، ވަރުގަދަ އަދި ސާބިތުކަމާއެކު، އެމީހުންގެ ކޮނޑުމަތީގައި އުފުލަނީ މި ޤައުމުގެ އެންމެ ޚާލިޞް އަދި ޤައުމީ ދަރިންކަމުގައިވާ ކޮމާންޑަރުން، ޢިލްމުވެރިން، ކުޅިވަރު ކުޅުންތެރިން، އަދި އަންހެނުންނާއި ކުޑަކުދިންގެ ހަށިތަކެވެ. އެމީހުންނަކީ ޒަޔަނިސްޓް ޣައިރު ޤާނޫނީ ވެރިކަމުން އަޅުގަނޑުމެންގެ މައްޗަށް ހިންގި ހަނގުރާމައިގައި ޝަހީދުވި ފަރާތްތަކެވެ. އެމީހުންނަކީ ތާރީޚީ ބަތަލުން ފަދައިން، މި ވަޠަނުގެ ބިމުގައި ވަޅުލެވޭ ފަރާތްތަކެކެވެ. އެއީ، އެމީހުންގެ ތެރެއިން ކޮންމެ މީހަކީ، އެހެން ބަތަލުން އުފަންވުމަށް އިންދާ އޮށްޓަރަކަށް ހެދުމަށެވެ.” އޭނާ ލިޔުއްވާފައިވެއެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި، ތެހެރާނުގެ އެންގިލާބް މައިދާނުގައި، އީރާނުގެ ދިދައިން ނިވާކޮށްފައިވާ ސަންދޯއްތަކާއި، ޔުނީފޯމުގައި ތިއްބެވި ޝަހީދުވި ކޮމާންޑަރުންގެ ފޮޓޯތައް ބަހައްޓާފައި ހުއްޓެވެ.

ތެހެރާނުގެ އިސްލާމިކް ޑިވެލޮޕްމެންޓް ކޯޑިނޭޝަން ކައުންސިލްގެ ހެޑް، މޮހްސެން މަޙްމޫދީ، މި ދުވަސް ސިފަކުރައްވާފައިވަނީ “އިސްލާމީ އީރާނަށާއި އިންޤިލާބަށް އައި ތާރީޚީ ދުވަހެއް” ގެ ގޮތުގައެވެ.

ޝަހީދުވި ފަރާތްތަކުގެ ތެރޭގައި، އިންޤިލާބުގެ ރޫޙާނީ ލީޑަރު އާޔަތުﷲ ސައްޔިދު ޢަލީ ޚާމަނާއީއަށް ފަހު، އީރާނުގެ އަސްކަރިއްޔާގެ ދެވަނައަށް އެންމެ އިސްވެރިޔާ، މޭޖަރ ޖެނެރަލް މުޙައްމަދު ބާޤިރީ ހިމެނިވަޑައިގަންނަވައެވެ. އޭނާ ވަޅުލެވޭނީ، ތެހެރާނަށް ދިން އިސްރާއީލުގެ ހަމަލާއެއްގައި ޝަހީދުވި އޭނާގެ އަނބިކަނބަލުންނާއި، ލޯކަލް މީޑިއާއެއްގެ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވި ދަރިކަނބަލުންނާ އެކުގައެވެ.

މި ހަމަލާތަކުގައި ޝަހީދުވި ނިއުކްލިއަރ ސައިންޓިސްޓް، މުޙައްމަދު މަހްދީ ތެހްރާންޗީ ވެސް ވަޅުލެވޭނީ އޭނާގެ އަނބިކަނބަލުންނާ އެކުގައެވެ.

އިސްލާމިކް ރިވޮލޫޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ޗީފް ކޮމާންޑަރ، މޭޖަރ ޖެނެރަލް ހުސައިން ސަލާމީ ވެސް ވަޅުލެވޭނެއެވެ. އޭނާ ޝަހީދުވެފައިވަނީ، ހަމަލާތައް ފެށި ފުރަތަމަ ދުވަހުއެވެ. މި ހިތާމަވެރި ރަސްމިއްޔާތުގައި، އިތުރު 30 އަށްވުރެ ގިނަ އިސް ކޮމާންޑަރުންނަށް ވެސް ޝަރަފު އަދާކުރެވޭނެއެވެ.

މި ޖަނާޒާގައި ވަޅުލެވޭ 60 މީހުންގެ ތެރޭގައި ހަތަރު ކުޑަކުދިން ހިމެނެއެވެ. އީރާނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، އިސްރާއީލާއި އެމެރިކާއިން ދިން އުދުވާނީ ހަމަލާތަކުގައި 600 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އާންމު ރައްޔިތުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.