ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ހާލަތު އިތުރަށް ގޯސްވަމުންދާ ދަނޑިވަޅެއްގައި، އިންސާނީ އެހީ ހޯދުމަށް މަސައްކަތް ކުރަމުން ދިޔަ 71 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން އިސްރާއީލުގެ ޙަމަލާތަކުގައި ޝަހީދުކޮށްލައިފި ކަމަށް، ސިއްހީ މަސްދަރުތަކުން ރިޕޯޓްކޮށްފިއެވެ.
އަލްޖަޒީރާއަށް މަޢުލޫމާތު ދެމުން ޞިއްޙީ މަސްދަރުތަކުން ބުނީ މީގެ އިތުރުން، ބަނޑުހައިހޫނުކަމާއި ނިއުޓްރިޝަން ދަށްވުމުގެ ސަބަބުން އިތުރު ހަތް މީހަކު ޝަހީދުވެފައިވާ ކަމަށެވެ.
ޣައްޒާގެ އުތުރުގައި އެހީގެ ޓްރެކްތައް ވަންނަ ޒިކިމް ހުރަސްކުރާ ސަރަޙައްދަށް ދަތުރުކުރަމުން ދިޔަ މީހުންނަށް އަމާޒުކޮށް އިސްރާއީލު ސިފައިން ބުދަ ދުވަހު ދިން ޙަމަލާތަކުގައި އެކަނިވެސް މަދުވެގެން 51 މީހުން ޝަހީދުވެ، 648 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެއެވެ.
ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސް ކައިރީގައިވާ މޮރާގް ކޮރިޑޯ ކައިރިން އެހީ ހޯދަމުން ދިޔަ އިތުރު 20 މީހަކު ޝަހީދުވެފައިވާ ކަމަށް ނާސިރު މެޑިކަލް ކޮމްޕްލެކްސް އިން ރިޕޯޓުކޮށްފައިވެއެވެ.
މެއި މަހުގެ ފަހުކޮޅު އޮޕަރޭޝަންތައް ފެށި، އެމެރިކާ އާއި އިސްރާއީލުން އެހީތެރިކަން ފޯރުކޮށްދޭ ޖީއެޗްއެފް (GHF) އިން ހިންގާ އެހީ ބަހާ ސަރަޙައްދުތައް ކައިރިން، އެހީ ހޯދަމުން ދިޔަ 1,000 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން މިހާތަނަށް އިސްރާއީލު ސިފައިން ވަނީ ޝަހީދުކޮށްލާފައެވެ. އެހީ ފޯރުކޮށްނުދިނުމާއި، އެހީ ބަހާ ސަރަޙައްދުތަކުގެ އެކަށީގެންވާ ވަރަށް ސަލާމަތީ ކަންކަން ނެތުމުގެ ސަބަބުން، އދ. އާއި އެހެނިހެން އިންސާނީ ޖަމިއްޔާތަކުން ވަނީ ޖީއެޗްއެފް އަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
އިންސާނީ އެހީތެރިކަން ޣައްޒާއަށް އިންތިހާއަށް ބޭނުންވަމުން ދިޔަ ނަމަވެސް، ޣައްޒާއަށް އެތެރެކުރެވޭ އެހީގެ މިންވަރު ވަރަށް ދަށެވެ. އދ.ގެ ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އެޖެންސީ، އަންރްވާ (UNRWA) ގެ ތަރުޖަމާނު، އަދުނާން އަބޫ ޙަސްނާ ވިދާޅުވީ، ޣައްޒާއަށް އެތެރެކުރެވޭ މަދު އެހީ “އާބާދީގެ ބޮޑުބަޔަކަށް ނުފޯރާ” ކަމަށެވެ. އދ.އިން ބުނާ ގޮތުގައި ޣައްޒާއަށް ދުވާލަކު މަދުވެގެން 500-600 އެހީގެ ޓްރެކް ބޭނުންވާއިރު، ފާއިތުވި ހަތަރު ދުވަހު އެތެރެކުރެވިފައި ވަނީ އެންމެ 269 ޓްރެކެވެ.
“މީގެ ތެރެއިން ގިނަ ޓްރެކްތައް ބަނޑުހައިވެފައިވާ މީހުން ވަނީ ލޫޓުވާލާފައި، އެހީ ލޫޓުވުމަކީ މިހާރު ހައިރާންވާންޖެހޭ ކަމެއް ނޫން. މިއީ ފެނާއި، ކާނާއާއި، ޞިއްޙީ ސާމާނު ނުލިބި، ދިގު މުއްދަތަކަށް ބަނޑުހައިހޫނުކަމުގައި ތިބި އާބާދީއެއްގެ ފަރާތުން ފެނުން އެކަށީގެންވާ ކަމެއް.” އަލްޖަޒީރާގެ ރިޕޯޓަރު ޠާރިޤް އަބޫ އައްޒޫމް ޣައްޒާއިން ރިޕޯޓުކުރިއެވެ.
ޔޫރޯ-މެޑް ހިއުމަން ރައިޓްސް މޮނިޓަރުން ބުނީ، ގެދޮރު ގެއްލިފައިވާ މީހުންގެ ކޭމްޕުތަކުގައި ދިރިއުޅޭ ގިނަ އަދަދެއްގެ މުސްކުޅިން ބަނޑުހައިހޫނުކަމާއި، ނިއުޓްރިޝަންގެ މައްސަލަ ނުވަތަ ފަރުވާ ނުލިބިގެން ޝަހީދުވެފައިވާކަން އެ ޖަމާޢަތުން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި މިފަދަ ގިނަ މަރުތައް ރިކޯޑުކުރެވިފައި ވަނީ “ޠަބީޢީ” މަރުތަކެއްގެ ގޮތުގައި ކަމަށްވެސް އެ ޖަމާޢަތުން ފާހަގަކުރެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...