އެމެރިކާގެ ކޮންޒަވޭޓިވް އެކްޓިވިސްޓެއް ކަމަށްވާ އަދި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގާތް އެކުވެރިޔާ ޗާލީ ކާކް، ޔޫޓާ ވެލީ ޔުނިވާސިޓީގައި މިދިޔަ ބުދަ ދުވަހު ބަޑިޖަހައި މަރާލި މައްސަލައިގައި ގާތިލް ހޯދުމަށް އެފްބީއައިން 100,000 ޑޮލަރުގެ ބޮޑު އިނާމެއް ހުށަހަޅައިފިއެވެ.
މި އިނާމު ހުށަހަޅާފައިވަނީ، މި މަރަށް މަސްއޫލުވާ ފަރާތް ނުވަތަ ފަރާތްތައް ދެނެގަނެ، ހައްޔަރުކުރުމަށް އެހީތެރިވެދޭ މައުލޫމާތެއް ފޯރުކޮށްދޭ ފަރާތަކަށެވެ.
ކާކް މަރާލާފައިވަނީ، ޔޫޓާ ވެލީ ޔުނިވާސިޓީގެ ކެމްޕަހުގައި “ޕްރޫވް މީ ރޯންގް” ނަމުގައި އޭނާ ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިންނެވެ. އެފްބީއައިން ބުނާ ގޮތުގައި، ބަޑިޖަހާފައިވަނީ ކައިރީގައި ހުރި އިމާރާތެއްގެ ފުރާޅުމަތިންނެވެ. މި ހާދިސާ ހިނގިއިރު، 3،000 އަށް ވުރެ ގިނަ މީހުން އެ ސަރަހައްދުގައި ތިއްބެވެ.
މި މައްސަލައާ ގުޅިގެން ޝައްކުކުރެވޭ މީހެއްގެ ފޮޓޯއެއް އާންމުކުރުމަށްފަހު، އޭނާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެފްބީއައިން އެދިފައެވެ. މައުލޫމާތު ދިނުމަށް އެފްބީއައި އަށް ގުޅުއްވުމަށާއި، ފޮޓޯއާއި ވީޑިއޯ ފޮނުވުމަށް އެފްބީއައިން އިލްތިމާސްކުރެއެވެ.
މީގެ އިތުރުން، ކާކް މަރާލުމަށް ބޭނުންކުރި ކަމަށް ބެލެވޭ ބޯލްޓް-އެކްޝަން ރައިފަލެއް ޖަންގަލީގެ ތެރެއިން ފެނިފައިވާ ކަމަށްވެސް އެފްބީއައިން ބުނެއެވެ.
މި ހަމަލާއަކީ ސީދާ ކާކްއަށް އަމާޒުކޮށްގެން ދިން ހަމަލާއެއް ކަމަށް ތަހުގީގު ކުރާ ފަރާތްތަކުން ބުނެއެވެ. ޔޫއެސް ސެނެޓަރު މާކޯ ރޫބިއޯ ވަނީ މި ހަމަލާ ކުށްވެރިކޮށް، މިއީ އެމެރިކާގެ ސިޔާސީ މަސްރަހަށް ދެވުނު ހަމަލާއެއް ކަމަށް ވިދާޅުވެފައެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، ކާކްއަށް “މެޑަލް އޮފް ފްރީޑަމް” އަރުވާނެކަން އިއުލާން ކުރައްވާފައެވެ. އަދި، ކާކްގެ މަރަކީ އެމެރިކާއަށް ލިބުނު ބޮޑު ދެރައެއް ކަމަށް ވިދާޅުވެފައެވެ. ޔޫޓާ ވެލީ ޔުނިވާސިޓީ ވަނީ މި ހާދިސާއާ ގުޅިގެން ސެޕްޓެމްބަރު 15 ވަނަ ދުވަހާ ހަމައަށް ބަންދުކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...