ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނާއި، އޭގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް ގެނައި އިސްލާހުތަކާއެކު އެކުލަވާލެވުނު ބިލް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤު ކުރައްވާފިއެވެ.
މި ބިލަކީ މިދިޔަ ޑިސެންބަރު 3 ވީ ބުދަ ދުވަހު 20 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ބިލެކެވެ. މި އިސްލާހާއެކު، މަސްތުވާތަކެތި ޓްރެފިކް ކުރުމާއި ވިޔަފާރިކުރުން ހުއްޓުވުމުގެ މަގުސަދުގައި، ކުށް ސާބިތުވާ ބޮޑެތި ވިޔަފާރިވެރިންނަށް މަރުގެ އަދަބު ނުވަތަ އުމުރަށް ޖަލަށްލުމުގެ އަދަބު މިއަދުން ފެށިގެން ދެވޭނެއެވެ.
މަރުގެ އަދަބު ކަނޑައެޅޭނީ ވަކި ބަރުދަނެއްގެ މަސްތުވާތަކެތި (350 ގްރާމަށް ވުރެ އިތުރު ކެނެބިސް، 250 ގްރާމަށް ވުރެ އިތުރު ޑައިމޯފިން، ނުވަތަ ޖަދުވަލު 1 ގައި ހިމެނޭ އެހެނިހެން މަސްތުވާތަކެތީގެ 100 ގްރާމަށް ވުރެ އިތުރު) ރާއްޖެއަށް އެތެރެކޮށްފައިވާނަމައެވެ. މީގެ އިތުރުން، ޤާނޫނުގައިވާ “އުމުރަށް ޖަލަށްލުން” ގެ މާނަ ބަދަލުކޮށް، އެއީ އެއްވެސް ޕެރޯލެއް ނުވަތަ މާފެއް ނުލިބި، މީހާ މަރުވަންދެން ޖަލުގައި ހުރުން ކަމަށް މި އިސްލާހުގައި ވަނީ ކަނޑައަޅާފައެވެ.
މިފަދަ މައްސަލަތަކުގައި މަރުގެ އަދަބު ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުން އިއްތިފާގުން އެގޮތަށް ހުކުމް ކުރުމުންނެވެ. މި ޤާނޫނުގެ ދަށުން ކަނޑައަޅާ އުމުރަށް ޖަލަށްލުމާއި މަރުގެ އަދަބު މާފު ކުރުމުގެ ނުވަތަ ލުއި ކުރުމުގެ އެއްވެސް އިހުތިޔާރެއް ނޯންނާނެ ކަމަށް ވެސް މި އިސްލާހުގައި ބުނެފައިވެއެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން 3 މަސްދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...