ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ކެންޑިޑޭޓުންގެ ފޯމުތައް ހުށަހަޅަންޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ މައި ޕޯޓަލް މެދުވެރިކޮށް ކަމަށް އެ ކޮމިޝަނުން ހާމަކޮށްފިއެވެ.
މިއީ ރާއްޖޭގެ އިންތިޚާބީ ތާރީޚުގައި ކެންޑިޑޭޓުންގެ ފޯމު ޑިޖިޓަލްކޮށް ބަލައިގަންނަ ފުރަތަމަ ފަހަރެވެ. މި ބަދަލާއެކު މިފަހަރު އެއްވެސް ކަރުދާސް ފޯމެއް ބަލައިނުގަންނާނެ ކަމަށް ކޮމިޝަނުން ބުންޏެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މި ޕޯޓަލް މެދުވެރިކޮށް ފޯމުގެ އިތުރުން ކުށާއި ދަރަނީގެ ރެކޯޑުތައްވެސް ހުށަހެޅޭނެ ކަމަށެވެ. އަދި އަމިއްލަ ގޮތުން ކުރިމަތިލާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ މަސައްކަތްވެސް ޕޯޓަލް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުގެ ކުރިން ޕޯޓަލް ބޭނުންކުރާނެ ގޮތުގެ ތަފްސީލީ ގައިޑެއް އާންމުކޮށް، ސިޔާސީ ޕާޓީތައް އަހުލުވެރިކުރުވުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންކަމަށް އެކޮމިޝަނުން ބުންޏެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މި ބަދަލު ގެނައީ ކައުންސިލް އިންތިޚާބަކީ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ބައިވެރިވާ އިންތިޚާބަކަށް ވުމުން، ފޯމު ހުށަހަޅާ ފަރާތްތަކަށާއި ކޮމިޝަނުގެ މުވައްޒަފުންނަށް ލުއި ފަސޭހަކޮށްދިނުމަށް ކަމަށެވެ. ވެރިފައިޑް އީ-ފާސް މެދުވެރިކޮށް ފޯމު ހުށަހެޅޭތީ މައުލޫމާތުގެ ސައްޚަކަން ކަށަވަރުވާނެ ކަމަށާއި، މި ހުރިހާ މަސައްކަތެއްވެސް ކުރިއަށްދާނީ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކަމުގެ ޔަގީންކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ދީފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...