ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ހުސައިން ސަނީ އުމަރު، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ކޯޓުން މިގޮތަށް އަމުރުކުރީ އޭނާގެ ބަންދަށް އެންމެ ފަހުން އިތުރުކުރި 30 ދުވަހުގެ މުއްދަތު ހަމަވުމާ ގުޅިގެން މިއަދު ކޯޓަށް ހާޒިރުކުރުމަށްފަހުގައެވެ.
މި މައްސަލަ ސޯޝަލް މީޑިއާގައި ފެންމަތިވުމާއެކު ސަނީ އުމަރު ރާއްޖެ ދޫކޮށް ގޮސްފައިވާއިރު، އޭނާ އެނބުރި ރާއްޖެ އައުމުން ފުލުހުން ވަނީ ތަހުގީގަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. ނަމަވެސް ސުވާލުކުރުމަށްފަހު ދޫކޮށްލުމުން، މާސްކު އަޅައިގެން ސިފަ އޮޅުވާލައިގެން ސްރީލަންކާއަށް ފިލަން މަސައްކަތް ކުރަނިކޮށް އޭނާ އެއާޕޯޓުން ވަނީ ހައްޔަރުކޮށްފައެވެ.
ފުރަތަމަ އޭނާ ހައްޔަރުކުރީ ފިލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ކަމަށްވީ ނަމަވެސް، އެ މައްސަލައިގައި ބަންދުން ދޫކޮށްލުމަށްފަހު އަލުން ހައްޔަރުކުރީ ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކާ ގުޅިގެންނެވެ.
ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާއިރު، މިއަދުގެ ކޯޓު އަމުރާއެކު އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ހުންނަން ޖެހޭނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...