ޚަބަރު ނެސްލޭގެ ‘އެސްއެމްއޭ’ ކާނާގެ ބައެއް ބެޗުތަކުގައި ވިހަ މާއްދާއެއް!

ނެސްލޭގެ ‘އެސްއެމްއޭ’ ކާނާގެ ބައެއް ބެޗުތަކުގައި ވިހަ މާއްދާއެއް!

ނެސްލޭގެ ‘އެސްއެމްއޭ’ ކާނާގެ ބައެއް ބެޗުތަކުގައި ވިހަ މާއްދާއެއް!

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ ފާމަސީތަކާއި ފިހާރަތަކުން ލިބެން ހުންނަ ނެސްލޭ ކުންފުނީގެ “އެސްއެމްއޭ” ބްރޭންޑްގެ ތުއްތުކުދިންގެ ކާނާގެ ބައެއް ބެޗުތަކެއް ތަޣައްޔަރުވެފައިވާތީ، އެ ތަކެތި ބޭނުންކުރުމުގައި ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އަންގައިފިއެވެ.

އެމްއެފްޑީއޭއިން ބުނީ ނެސްލޭއިން އުފައްދާ އެސްއެމްއޭ ބްރޭންޑުގެ އިންފެންޓް ފޯމިއުލާ އަދި ފޮލޯއަޕް ފޯމިއުލާގެ ބައެއް ބެޗުތަކުން “ސެރެއުލައިޑް” (Cereulide) ކިޔާ ވިހަ މާއްދާއެއް ފެނިފައިވާ ކަމަށެވެ. މި މާއްދާއަކީ “ބެސިލަސް ސިރިއަސް” ޖަރާސީމުން އުފައްދާ ވިހައެކެވެ. މިކަން ފާހަގަކުރެވުމާ ގުޅިގެން އެ ކުންފުނިން ވަނީ އެ ތަކެތި ބާޒާރުން ނެގުމަށް ނިންމައި އެކަން އިއުލާނުކޮށްފައެވެ.

މި ވިހަ މާއްދާއިން ތަޣައްޔަރުވެފައިވާ ކާނާއެއް ކުއްޖަކަށް ދެވިއްޖެ ނަމަ، ބަނޑުގައި ރިއްސުމާއި، މޭނުބައިކުރުން އަދި ހޮޑުލުން ފަދަ ސިއްހީ މައްސަލަތައް ދިމާވުމުގެ ފުރުސަތު އޮތްކަމަށް އެމްއެފްޑީއޭއިން މައުލޫމާތުދެއެވެ.

ތަޣައްޔަރުވެފައިވާ ކަމަށް ފާހަގަކުރެވިފައިވަނީ އަންނަ 2025 ވަނަ އަހަރުގެ އެޕްރީލް، މޭ، ޖޫން، ޖުލައި، އޮކްޓޯބަރު އަދި ނޮވެމްބަރު މަހަށް މުއްދަތު ހަމަވާ އަންނަަނިވި އުފެއްދުންތަކެވެ:

  • އެސްއެމްއޭ އެޑްވާންސް ފަސްޓް އިންފެންޓް މިލްކް އަދި ފޮލޯ އޮން މިލްކް (800 ގްރާމް)
  • އެސްއެމްއޭ އެންޓި ރެފްލަކްސް (800 ގްރާމް)
  • އެސްއެމްއޭ އަލްފަމިނޯ (400 ގްރާމް)
  • އެސްއެމްއޭ ފަސްޓް އިންފެންޓް މިލްކް (400 ގްރާމް، 800 ގްރާމް، 1.2 ކިލޯ)
  • އެސްއެމްއޭ ލިޓުލް ސްޓެޕް ފަސްޓް އިންފެންޓް މިލްކް (800 ގްރާމް)
  • އެސްއެމްއޭ ކޮމްފޮޓް (800 ގްރާމް)
  • އެސްއެމްއޭ ފަސްޓް އިންފެންޓް ލިކުއިޑް (200 މިލިލީޓަރު އަދި 70 މިލިލީޓަރު)
  • އެސްއެމްއޭ ލެކްޓޮސް ފްރީ (400 ގްރާމް)

ދުނިޔޭގެ ބާޒާރުގައި ވިއްކާ ކާބޯތަކެއްޗާއި ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެމްއެފްޑީއޭއިން އަބަދުވެސް އަންނަނީ ފާރަވެރިވަމުންނެވެ. މިގޮތުން މީގެ ކުރިން ވެސް ތަޣައްޔަރުވެފައިވާ ބައެއް ތަކެތި ރާއްޖެ އެތެރެވިޔަނުދިނުމަށާއި ބާޒާރުން ނެގުމަށް އެ އޮތޯރިޓީން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

ޓެގް

އެމްއެފްޑީއޭ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.