ޚަބަރު އަމިއްލަ ކްލިނިކްތަކާއި އައިނު ފިހާރަތަކުން ހައްދާ އައިނަށް އާސަންދަ ކަވަރޭޖް ލިބޭގޮތަށް ހަމަޖައްސައިފި

އަމިއްލަ ކްލިނިކްތަކާއި އައިނު ފިހާރަތަކުން ހައްދާ އައިނަށް އާސަންދަ ކަވަރޭޖް ލިބޭގޮތަށް ހަމަޖައްސައިފި

އަމިއްލަ ކްލިނިކްތަކާއި އައިނު ފިހާރަތަކުން ހައްދާ އައިނަށް އާސަންދަ ކަވަރޭޖް ލިބޭގޮތަށް ހަމަޖައްސައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް


ސަރުކާރުން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަމިއްލަ ކްލިނިކްތަކާއި އައިނު ފިހާރަތަކުން ހައްދާ އައިނުތަކަށް އާސަންދައިގެ ކަވަރޭޖް ލިބޭގޮތަށް ހަމަޖެއްސުމަށް ނިންމައިފިއެވެ. ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މިއަދު މިކަން ހާމަކުރެއްވިއިރު، މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާ ބައްދަލުކުރައްވައި ކުރިމަތިވާ ތަކުލީފުތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ނިންމެވި ނިންމެވުމެކެވެ.

މި ނިންމެވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާ ބައްދަލުކުރައްވައި ކުރިއަށް ގެންދަވާ ސިލްސިލާ ފޯރަމްތަކުގައި، އާސަންދައިގެ ޚިދުމަތް ބައެއް ތަންތަނުން ނުލިބުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން ރައްޔިތުން ހުށަހެޅި ޝަކުވާތަކަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން ނިންމެވި ނިންމެވުމެކެވެ. މީގެ ސަބަބުން ރައްޔިތުންނަށް އައިނު ހެދުމަށް ލިބިފައިވާ ފުރުސަތުތައް އިތުރުވެ، ޚިދުމަތް ހޯދުމަށް ފަސޭހަވެގެންދާނެއެވެ.

އެންސްޕާއިން ހާމަކުރައްވާ ގޮތުގައި، މިހާރު ކްލިނިކްތަކާއި އައިނު ފިހާރަތަކުގައި ރަޖިސްޓްރީވެފައިވާ އޮޕްޓޮމެޓްރިސްޓުން ޕްރިސްކްރައިބްކުރާ އައިނުތަކަށް އާސަންދައިގެ ދަށުން ކަވަރޭޖް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. މިކަމަށް ބޭނުންވާ އުސޫލުތައް ކަމާގުޅޭ އިދާރާތަކާ ގުޅިގެން އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އެޖެންސީން ބުނެއެވެ.

ލޮލުގެ މައްސަލަތައް ހުންނަ ފަރާތްތަކަށް އައިނު ހެއްދުމަކީ ބައެއް ފަހަރު ބޮޑު ޚަރަދެއް ހިނގާ ކަމަކަށްވާތީ، ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު އައިޖީއެމްއެޗްގައި އައިނު ފިހާރައެއް ހުޅުވާފައެވެ. އަދި މިހާރު ހުޅުމާލޭގައިވެސް ސަރުކާރުގެ އައިނު ފިހާރައެއް ދަނީ ހިންގަމުންނެވެ. ނަމަވެސް އަމިއްލަ ފިހާރަތަކަށް މި ޚިދުމަތް ފުޅާކުރުމުން، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބި، ޚިދުމަތް ހޯދަން ދަތުރުކުރުމުގެ ބުރަވެސް ކުޑަވެގެންދާނެއެވެ.

އާސަންދަ ސްކީމްގެ ދަށުން އައިނު ހައްދަން ދޭ އެހީގެ މިންވަރުވެސް މި ސަރުކާރުން ވަނީ އިތުރުކޮށްފައެވެ. ކުރިން ކޮންމެ ދެ އަހަރަކުން އެއްފަހަރު ދެމުން އައި 1,000 ރުފިޔާގެ އެހީ، މި އަހަރުގެ ޖޫން މަހުން ފެށިގެން ވަނީ 2,000 ރުފިޔާއަށް ބޮޑުކޮށްފައެވެ. މިއީ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.

އެންސްޕާއިން އިތުރަށް މައުލޫމާތު ދެއްވާ ގޮތުގައި، މިކަން ތަންފީޒުކުރުމަށް ބޭނުންވާ އުސޫލުތައް މިހާރު ދަނީ އެކުލަވާލަމުންނެވެ. މި މަސައްކަތް ނިމުމުން، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަމިއްލަ ކްލިނިކްތަކާއި އައިނު ފިހާރަތަކުން އާސަންދައިގެ ޚިދުމަތް ރަސްމީކޮށް ފެށިގެންދާނެ ކަމަށް އެ އެޖެންސީން ޔަޤީންކަން ދެއެވެ.

ޓެގް

ހިލޭއައިނު ހެއްދުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.