ދުންފުހުގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެފައިވާތީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ އުސޫލުތަކަށް ވަގުތީ ބަދަލެއް ގެނެސްފިއެވެ.
މި ދުވަސްވަރު ރާއްޖެ ސަރަހައްދަށް ދުންފުހުގެ އަސަރު ބޮޑަށް ކުރަމުންދާތީ، އެމްއޭސީއެލްއިން ވަނީ ބަލައިގެން ދުއްވާ ޤަވާއިދު (ވިޝުއަލް ފްލައިޓް ރޫލްސް – ވީއެފްއާރު) ވަގުތީ ގޮތުން މަޑުޖައްސާލައި، ދުރު ފެންނަ މިންވަރު 5 ކިލޯމީޓަރަށްވުރެ ދަށްވާ ހާލަތްތަކުގައި ސްޕެޝަލް ވިޝުއަލް ފްލައިޓް ރޫލްސް (އެސްވީއެފްއާރު) އަށް ދަތުރު ކުރަން އަންގާފައެވެ. މި ފިޔަވަޅަކީ ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެޅުނު ފިޔަވަޅެކެ
ރާއްޖޭގެ މައި ވައިގެ ބަނދަރު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ހިންގާ އެމްއޭސީއެލްއިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، ވައި ނުސާފުވުމުގެ ސަބަބުން ނުވަތަ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެއްޖެނަމަ، ހެދިފައިވާ ޤަވާއިދުތަކާ އެއްގޮތަށް މަތިންދާ ބޯޓު ދަތުރު ކުރުމުގައި އިތުރު ރައްކާތެރިކަމުގެ ފިޔަވަޅު އަޅާ ކަމަށެވެ. މިފަދަ ހާލަތްތަކުގައި ފިޔަވަޅުތައް ތަންފީޒު ކުރުމަކީ، ރާއްޖޭގެ ވައިގެ ނިއަމި ކަމުގެ ޚިދުމަތް ދޭން ޙަވާލު ކޮށްފައިވާ ފަރާތުގެ ހައިސިއްޔަތުން އެކުންފުނިން ކުރުން ލާޒިމް ކަމެއް ކަމަށް އެމްއޭސީއެލްއިން ފާހަގަކުރިއެވެ.
މި ދުވަސްވަރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ދުންފުހުގެ އަސަރު ކުރަމުންދާ މި ދުވަސްވަރަކީ، ދުންފުހުގެ އަސަރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ކުރަމުންދާ ދުވަސްވަރެއް ކަމުން އެމްއޭސީއެލްއިން އަޅާފައިވާ އެއް ފިޔަވަޅަކީ ވިޝުއަލް ފްލައިޓް ރޫލްސް (ވީއެފްއާރު) ވަގުތީ ގޮތުން މަޑުޖައްސާލުމެވެ. އެއަށް ބަދަލުގެ ގޮތުގައި އިތުރު އެހީތެރިކަން ލިބޭނެ ގޮތަކަށް ސްޕެޝަލް ވިޝުއަލް ފްލައިޓް ރޫލްސް (އެސްވީއެފްއާރު) އަށް ދަތުރު ކުރަން ވަނީ އަންގާފައެވެ.
އެމްއޭސީއެލްއިން ވިދާޅުވާ ގޮތުގައި، މި ޤަވާއިދަށް ޢަމަލު ކުރާނީ ދުރު ފެންނަ މިންވަރު 5 ކިލޯމީޓަރަށްވުރެ ދަށްވާ ހާލަތްތަކުގައެވެ. މީގެ އިތުރުން އެސްވީއެފްއާރު ބޭނުންކޮށްގެން ދަތުރު ކުރުމަށް މަތިންދާ ބޯޓުތަކަށް އެންގުމަކީ، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) ގެ ޤަވާއިދުތަކާއި އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މީގެ ކުރިންވެސް އަމަލު ކުރަމުން ދިޔަ އުސޫލެއް ކަމަށް އެ ކުންފުނިން ބަޔާންކުރިއެވެ.
ދިމެސްޓިކް އަދި އިންޓަރނޭޝަނަލް ދަތުރުތައް ކުރާ ހުރިހާ އެއާލައިންތަކާއި، ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމާއެކު އެންމެ މަތީ ފަންތީގެ ޚިދުމަތް ފޯރުކޮށްދިނުމަަށް އެމްއޭސީއެލްއިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ. މިދިޔަ ބުދަ ދުވަހަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުހުގެ އަސަރު އެންމެ ބޮޑަށް ކުރި ދުވަހެވެ. އެދުވަހު ދުރު ފެންނަ މިންވަރު 1.5 ކިލޯމީޓަރަށް ދަށަށް ދިޔަ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ.
ނަމަވެސް މިވޭތުވެ ދިޔަ ދެ ދުވަހު ރާއްޖެ ސަރަހައްދުގައި ދުރުފެންނަ މިންވަރު ހުރީ 2 ކިލޯ މީޓަރުގައި ކަމަށް މެޓް އޮފީހުން ފާހަގަކުރިއެވެ. އެއިދާރާއިން ލަފާކުރާ ގޮތުގައި އާދީއްތަ ދުވަހުން ފެށިގެން މިހާލަތު މިއަށްވުރެ ރަނގަޅު ވާނެއެވެ. ރާއްޖޭގެ ސަރަހައްދަށް ދުރު ފެންނަ މިންވަރު ދަށްވާ ގަޑިތަކުގައި ދަތުރު ކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ޢިލްތިމާސްކޮށްފައެވެ. އަދި ދުންފުހުގެ އަސަރު ހުރުމާއެކު ޞިއްޙީ ގޮތުން ނާޒުކު ހާލަތްތަކުގައި ތިބި ފަރާތްތައް ބޭރުގައި އުޅޭއިރު މާސްކް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީންވެސް އިލްތިމާސް ކުރެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...