ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކުރުމަށް އެމެރިކާގެ ސިފައިން ކަރަކާސްއަށް ދިން ވަރުގަދަ ހަމަލާތަކުގައި މަރުވި ކިއުބާގެ 32 ސިފައިންގެ ހަށިގަނޑު ކިއުބާގެ ވެރިރަށް ހަވާނާއަށް ގެންގޮސް، އެ މީހުންނަކީ ގައުމީ ބަތަލުންގެ ގޮތުގައި ސަރުކާރުން ރަސްމީކޮށް އިއުލާންކޮށްފިއެވެ. ކިއުބާގެ އަސްކަރިއްޔާ އާއި އިންޓެލިޖެންސްގެ އިސް މަގާމުތަކުގައި ތިބި މި ސިފައިންގެ ހަށިގަނޑުތައް ގައުމީ ދިދަ އޮޅާލާފައިވާ ސަންދޯއްތަކުގައި ހަވާނާގެ އެއާޕޯޓަށް ބުރާސްފަތި ދުވަހު ބޭލުމާއެކު، އަސްކަރީ ބޭންޑުން ވަނީ ގައުމީ ސަލާމް ކުޅެ، އެ މީހުންގެ ހަނދާނުގައި ހާއްސަ އިހުތިރާމެއް އަދާކޮށްފައެވެ.
މި ހިތާމަވެރި ރަސްމިއްޔާތުގައި ކިއުބާގެ ރައީސް މިގޭލް ޑިއާޒް-ކާނަލްގެ އިތުރުން، އުމުރުން 94 އަހަރުގެ ކުރީގެ ލީޑަރު ރައުލް ކާސްޓްރޯ އާއި އަސްކަރިއްޔާގެ އިސް ޖެނެރަލުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖެނެރަލް ލާޒާރޯ އަލްބާޓޯ އަލްވަރޭޒް ވިދާޅުވީ، އެމެރިކާ ފަދަ ބާރުގަދަ އިސްތިއުމާރީ ބާރަކަށް ކިއުބާގެ ރައްޔިތުންގެ ކަރާމާތާއި އަޒުމް ގަނެނުލެވޭނެކަން މި ހާދިސާއިން ސާބިތުވެގެން ހިނގައްޖެ ކަމަށެވެ.
ވެނެޒުއޭލާގެ މަސްލަހަތު އިންތިހާއަށް ގޯސްވެފައިވަނީ، މިދިޔަ ހޮނިހިރު ދުވަހު އެމެރިކާގެ ހާއްސަ ސިފައިން ކަރަކާސްއަށް އަރައި، ރައީސް މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ސީލިއާ ފްލޯރެސް ހައްޔަރުކޮށްގެން އެމެރިކާއަށް ގެންދިއުމާ ގުޅިގެންނެވެ. މަސްތުވާތަކެތީގެ މުއާމަލާތްތަކެއްގެ ތުހުމަތުގައި މަދޫރޯ މިހާރު ހުންނެވީ ނިއުޔޯކުގެ ޖަލެއްގައި ބަންދުކޮށްފައެވެ. ކިއުބާގެ ސިފައިންނަކީ މަދޫރޯގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އެހީތެރިވަމުން އައި ބައެކެވެ.
މި ހަމަލާއަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކިއުބާއަށް ދޭ ވެނެޒުއޭލާގެ ތެލާއި މާލީ އެހީތެރިކަން މެދުކަނޑާލާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. ނަމަވެސް، ރައީސް ޑިއާޒް-ކާނަލް ވަނީ އެ އިންޒާރުތަކަށް ރައްދު ދެއްވައި، ގައުމުގެ މިނިވަންކަމާއި ސިޔާދަތަށްޓަކައި “ލޭގެ އެންމެ ފަހު ތިއްކާ ޖެހެންދެން” ހަނގުރާމަކުރާނެ ކަމަށް ވިދާޅުވެފައެވެ.
ހަވާނާގެ އެއާޕޯޓުން ސިފައިންގެ ހަށިގަނޑުތައް އުފުލި މޮޓޯކޭޑް ދަތުރުކުރި މަގުތަކުގެ ދެފަރާތަށް އެތައް ހާސް ރައްޔިތުންނެއް އެއްވެ، ގައުމީ ދިދަ ހޫރުވަމުން ވަނީ މަރުވި ސިފައިންނަށް އިހުތިރާމް އަދާކޮށްފައެވެ. އަދި އެމެރިކާގެ “އުދުވާނީ” އަމަލުތަކާ ދެކޮޅަށް އަޑުއުފުލުމަށްޓަކައި، ހުކުރު ދުވަހު ހަވާނާގައި ހުންނަ އެމެރިކާ އެމްބަސީ ކުރިމަތީގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް ކިއުބާ ސަރުކާރުން ވަނީ ނިންމާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...