ޚަބަރު ލީގަލް އޮފިސަރުންގެ މުސާރަ ދަށްވި މައްސަލަ: 84 އޮފިސަރުންގެ ސޮޔާއެކު ޕެޓިޝަން މަޖިލީހަށް ހުށަހަޅައިފި

ލީގަލް އޮފިސަރުންގެ މުސާރަ ދަށްވި މައްސަލަ: 84 އޮފިސަރުންގެ ސޮޔާއެކު ޕެޓިޝަން މަޖިލީހަށް ހުށަހަޅައިފި

ލީގަލް އޮފިސަރުންގެ މުސާރަ ދަށްވި މައްސަލަ: 84 އޮފިސަރުންގެ ސޮޔާއެކު ޕެޓިޝަން މަޖިލީހަށް ހުށަހަޅައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޕޭ ކޮމިޝަނުން ޕޭ ފްރޭމްވޯކަށް ގެނައި ބަދަލުތަކުގެ ސަބަބުން ލީގަލް އޮފިސަރުންނަށް ލިބޭ މުސާރައިގެ ޖުމްލަ މިންވަރު މަދުވެފައިވާތީ، އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) ސްޕޮންސާކުރައްވައި ހުށަހެޅުއްވި މި ޕެޓިޝަނުގައި އެކި އިދާރާތަކުގައި މަސައްކަތްކުރާ 84 ލީގަލް އޮފިސަރުން ސޮއިކޮށްފައިވެއެވެ.

މި ޕެޓިޝަންގައި ވަނީ ލީގަލް އޮފިސަރުންނަށް ކުރިން ލިބެމުން އައި މުސާރައަށް ބަދަލުތަކެއް އައިސްފައިވާ ކަމަށާއި، މި ބަދަލުތަކުގެ ސަބަބުން ހާއްސަކޮށް ކައުންސިލްތަކުގައި މަސައްކަތްކުރާ ލީގަލް އޮފިސަރުންގެ މާލީ ހާލަތަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާކަމަށް ބުނެފައެވެ. މަޖިލީހަށް ހުށަހެޅި މި މައްސަލަ އިތުރަށް ދިރާސާކޮށް ހައްލެއް ހޯދައިދިނުމަށް ވަނީ އެދިފައެވެ.

2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު އާންމުކުރި އޮނިގަނޑުގެ ދަށުން، މި ބަދަލުތައް އައުމުގެ ކުރިން، ކައުންސިލްތަކުގައި މަސައްކަތްކުރާ ލީގަލް އޮފިސަރުންނަށް މުސާރައިގެ ގޮތުގައި 19,167ރ. ލިބެމުން ދިޔައިރު، ސިވިލް ސާވިސްގެ ދަށުން މަސައްކަތްކުރާ ލީގަލް އޮފިސަރުންނަށް 17,127ރ. ލިބެމުން އައިސްފައިވެއެވެ. މި އަދަދުތަކަކީ އެ ބޭފުޅުންގެ ތައުލީމީ ފެންވަރާއި މަސައްކަތުގެ ބުރަދަނަށް ބަލާއިރު އެކަށީގެންވާ އަދަދުތަކެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ނަމަވެސް، ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަތައް އެއްހަމަކުރުމަށްޓަކައި ޕޭ ފްރޭމްވޯކަށް ގެނައި ފަހުގެ ބަދަލުތަކާ ގުޅިގެން، ކައުންސިލްތަކުގެ ލީގަލް އޮފިސަރުންގެ މުސާރަ 18,920ރ. އަށް ދަށްވެފައިވެއެވެ. ސިވިލް ސާވިސްގެ އޮނިގަނޑުގައި ހިމެނޭ ލީގަލް އޮފިސަރުންގެ މުސާރައަށް ކުޑަ ހެޔޮ ބަދަލެއް އައިސްފައި ވިޔަސް، ކައުންސިލްތަކުގެ އޮފިސަރުންނަށް ދިމާވި މި ދަށްވުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

މަޖިލީހަށް ހުށަހެޅި ޕެޓިޝަނުގައި، ލީގަލް އޮފިސަރުންނަށް ނޮން ޕްރެކްޓިސް އެލަވަންސެއް ކަނޑައަޅާފައި ނުވާތީ އާއި މުވައްޒަފުންގެ ތަޖުރިބާ އާއި ޚިދުމަތް ކޮށްފައިވާ މުއްދަތަށް ބަލާފައި ދޭ ސްޓެޕް އެލަވަންސް ނުދޭތީ ކަންބޮޑުވުން ހިއްސާކޮށްފައިވެއެވެ. މި ދެ އެލަވަންސަކީވެސް އެހެން ކަފިތަކުގެ މުވައްޒަފުންނަށް ލިބެންދާ އެލަވަންސްތަކެއް ކަމުގައިވެސް ޕެޓިޝަނުގައި ބުނެފައިވެއެވެ.

އަދި އޭގެ އިތުރުން ލީގަލް އޮފިސަރުންގެ މަގާމުގެ ރޭންކް ދަށްކޮށްފައިވާ ކަމަށާއި، އެއީ ލީގަލް އޮފިސަރުންގެ ތައުލީމީ ފެންވަރަށާއި އުފުލަން ޖެހޭ ޒިންމާތަކާ މަސްއޫލިއްޔަތުތަކާ އަޅާބަލާއިރު ބޭއިންސާފެއް ކަމަށްވެސް އެ ޕެޓިޝަނުގައި ފާހަގަކޮށްފައިވެއެވެ. މިކަމުގެ ސަބަބުން އެ ބޭފުޅުންގެ މާލީ ހާލަތުގެ އިތުރުން މަސައްކަތުގެ ރޫހަށްވެސް ނޭދެވޭ އަސަރުތަކެއް ކުރާކަމަށް ޕެޓިޝަނުގައި ބުނެފައިވެއެވެ.

ޓެގް

ޕޭފްރޭމްވޯކް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.