ނ. ވެލިދޫގައި ސީ އެމްބިއުލާންސްގެ ޚިދުމަތް މިއަދު ފަށައިފިއެވެ. މި ޚިދުމަތަކީ އެ އަތޮޅުގެ ރަށްރަށުގެ ހޮސްޕިޓަލުތައް ގުޅުވާލައި، ބަލި މީހުން އުފުލުމުގައި ކުރިމަތިވާ ދަތިތަކަށް ހައްލެއް ގެނެސްދޭނެ މުހިންމު ފިޔަވަޅެކެވެ. މިކަމަށްޓަކައި ވެލިދޫގައި ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓްރީގެ އިސްވެރިންނާއި އޫރީޑޫގެ ފަރާތުން ބައިވެރިވެފައިވެއެވެ.
މިހާތަނަށް ނ. އަތޮޅުގައި ސީ އެމްބިއުލާންސްގެ ޚިދުމަތް ދެމުން އައީ މަނަދޫގައި އެކަންޏެވެ. އެހެންކަމުން، ވެލިދޫގައި މި ޚިދުމަތް ފެށުމުން، ބަލި މީހުން ހޮސްޕިޓަލަށް ނުވަތަ ރަށުން ބޭރަށް އުފުލުމުގައި ކުރިމަތިވާ ގިނަ ދަތިތަކަށް ލުއި ލިބިގެންދާނެ ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
ވެލިދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާޠިމަތު މިޒްނާ ޢަލީ ވަނީ، ވެލިދުއަކީ ސަފާރީ ފަދަ އުޅަނދު ބަނުމާއި ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ ރަށެއްކަން ފާހަގަކުރައްވައިފައެވެ. އަދި މި ޚިދުމަތަކީ މި ސަރަހައްދުގެ އިގުތިސާދީ މަސައްކަތަށް ލިބުނު ވަރުގަދަ އައްޑަނައަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިޒްނާ އިތުރަށް ވިދާޅުވީ، ރަށުގެ ސިއްހީ ރައްކާތެރިކަމާއި އަވަސް ފަރުވާގެ ނިޒާމެއް އޮތުމަކީ ވިޔަފާރިވެރިންނާއި އިންވެސްޓަރުންގެ އިތުބާރު ބޮޑުކޮށްދޭނެ ކަމަށެވެ. މީގެ އިތުރުން، ސަފާރީތަކާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ އެތައް ސަތޭކަ މަސައްކަތްތެރިންނަށް މިކަމުގެ ސަބަބުން ނުހަނު ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށެވެ. ވެލިދޫގައި ސީ އެމްބިއުލާންސްގެ ޚިދުމަތް ފެށިގެން ދިއުމުގެ ސަބަބުން ނ. އަތޮޅުގެ ހުރިހާ ރަށްރަށުގެ ހޮސްޕިޓަލުތަކުގެ ޚިދުމަތްތައް ގުޅާލެވިގެން ދާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޑިފެންސް މިނިސްޓްރީން ބުނީ، މިއަހަރު ނުވަ ރަށެއްގައި އަލަށް ސީ އެމްބިއުލާންސްގެ ޚިދުމަތް ގާއިމްކޮށް، ތިން ރަށެއްގައި އަލުން އެ ޚިދުމަތް ފަށާނެ ކަމަށެވެ. ހެލްތު މިނިސްޓްރީން މި މަހުގެ 17 ވަނަ ދުވަހު 56 އެމްބިއުލާންސް އަތޮޅުތެރޭގެ އެކި ރަށްރަށާ ހަވާލުކޮށްފައިވާއިރު، މި އަހަރު އިތުރު 31 ރަށަށް އައު އެމްބިއުލާންސް ގެނެސް ޚިދުމަތް ދެވޭނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. މާލޭ ސަރަހައްދާއި ސިޓީތަކުގައި ޕެރަމެޑިކް ޚިދުމަތް ދިނުމަށް ބޭނުންވާ 10 ޕެރަމެޑިކް އެމްބިއުލާންސް ވެސް ގެނެވިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ފާހަގަކުރިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ވެލިދޫގެ ތަރައްގީއަށް މުހިންމު އިތުރު ފިޔަވަޅެއްގެ ގޮތުން، ގައުމީ އެއާލައިން މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ވެސް މިދިޔަ ހުކުރު ދުވަހު ވަނީ ފަށައިފައެވެ. މިކަމުގެ ސަބަބުން ރަށަށް ލިބޭ އާމްދަނީ އިތުރުވެ، ފަތުރުވެރިކަން އިތުރަށް ފުޅާވެގެންދާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...