ބޭރުދުނިޔެ ޣައްޒާގެ އަލް-އަޤްޞާ ހޮސްޕިޓަލުގެ އައި.ސީ.ޔޫގައި ފަރުވާދެމުންދާ ބަލިމީހުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅިފައި

ޣައްޒާގެ އަލް-އަޤްޞާ ހޮސްޕިޓަލުގެ އައި.ސީ.ޔޫގައި ފަރުވާދެމުންދާ ބަލިމީހުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅިފައި

ޣައްޒާގެ އަލް-އަޤްޞާ ހޮސްޕިޓަލުގެ އައި.ސީ.ޔޫގައި ފަރުވާދެމުންދާ ބަލިމީހުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅިފައި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ކުރިއަށްގެންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައަށް ދެ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މި ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ސިއްޙީ ނިޒާމު ވަނީ މުޅިން ސުންނާފަތިވެފައެވެ. ސިއްޙީ ޚިދުމަތްތެރިންނާއި ޑޮކްޓަރުން ބަލިމީހުންނަށް ފަރުވާ ދިނުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާއިރު، ބޭނުންކުރާ ސާމާނުތައް ހަލާކުވެފައިވުމާއި ވަސީލަތްތައް މަދުވުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކާ ވަނީ ކުރިމަތިލާންޖެހިފައެވެ. އަދި އިއުލާންކޮށްފައިވާ “ހަނގުރާމަ ހުއްޓާލުމުގެ” އެއްބަސްވުމުން ބަލިމީހުން އުފުލަމުންދާ ވޭނާއި ތަހައްމަލު ކުރަމުންދާ ނުރައްކާތަކަށް އެއްވެސް ލުޔެއް ލިބިފައެއް ނުވެއެވެ.

ޣައްޒާގެ ސިއްޙަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، އިޒްރޭލުގެ މި ހަނގުރާމަ ފެށުނު ފަހުން 1,700 އަށްވުރެ ގިނަ ސިއްޙީ ޚިދުމަތްތެރިން ވަނީ ޝަހީދުކޮށްލާފައެވެ. މީގެ ތެރޭގައި ޑޮކްޓަރުންނާއި، ނަރުހުންނާއި އަދި އެހީތެރިން ހިމެނެއެވެ. އދ. އިން ވަނީ އިޒްރޭލުން ގަސްތުގައި ޣައްޒާގެ ސިއްޙީ މަރުކަޒުތަކަށް ހަމަލާދީ، ސިއްޙީ ޚިދުމަތްތެރިން މަރަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ. އެއީ އެ ސަރަހައްދުގެ ސިއްޙީ ނިޒާމު މުޅިން ހަލާކުކޮށްލުމުގެ މަގުސަދުގައި ކުރަމުންދާ ކަމެއް ކަމަށްވެސް އދ. އިން ބުނެއެވެ.

ޣައްޒާގެ މެދުތެރޭގައި ހުންނަ އަލް-އަޤްޞާ ހޮސްޕިޓަލުގެ މައި ދެ ޖަނަރޭޓަރު ހުއްޓުމަކަށް އައުމާ ގުޅިގެން، އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ދަނީ ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަމަށް އަވަސް ފުރުސަތެއްގައި އެދެމުންނެވެ. ޣައްޒާއިން ރިޕޯޓްކުރަމުންދާ އަލްޖަޒީރާގެ ނޫސްވެރިޔާ ތާރިޤް އަބޫ އަޒޫމް ބުނި ގޮތުގައި އެ ސަރަހައްދުގެ ހާލަތު އޮތީ އިންތިހާއަށް ނުރައްކާ ދަރަޖައެއްގައެވެ.

“ޣައްޒާގެ ކޮންމެ ހޮސްޕިޓަލެއްގެ ‘ވިންދަކީ’ ޖަނަރޭޓަރުތައް. ސަބަބަކީ ވެންޓިލޭޓަރުތަކާއި، ކުޑަކުދިން ބައިތިއްބާ އިންކިއުބޭޓަރުތަކާއި، އޮޕަރޭޝަން ތިއޭޓަރުތަކުގެ އިތުރުން ޑަޔަލަސިސް މެޝިންތައް މަސައްކަތް ކުރަނީ އެ ޖަނަރޭޓަރުތަކުގެ އެހީގައި ކަމަށްވާތީ،” އަބޫ އަޒޫމް ރިޕޯޓްކުރިއެވެ.

ނަމަވެސް މިހާރު މި މުހިންމު ވަސީލަތްތައް ހުއްޓެމުންދާއިރު، އައި.ސީ.ޔޫގައި ފަރުވާދެމުންދާ ގިނަ ބަޔެއްގެ ފުރާނަ ވަނީ ނުރައްކަލަށް ހުށަހެޅިފައެވެ. އަބޫ އަޒޫމް އިތުރަށް ބުނި ގޮތުގައި، ޖަނަރޭޓަރުތައް ހިންގުމަށް ބޭނުންވާ ތެލާއި މުހިންމު ސްޕެއާ ޕާޓްސްތައް މިހާރު ހޮސްޕިޓަލުގައި ނެތެވެ. މި ވަސީލަތްތައް ނުލިބިއްޖެނަމަ، މުޅި ސިއްޙީ ނިޒާމު އިނދަޖެހިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތެވެ.

މިވަގުތު ހޮސްޕިޓަލުގައި ހުރީ ބެކަޕްގެ ގޮތުގައި ބޭނުންކުރާ ކުޑަ ދެ ޖަނަރޭޓަރެވެ. ނަމަވެސް އެއީ ފުރާނަ ސަލާމަތްކުރުމަށް ދެވޭ މުހިންމު ޚިދުމަތްތައް މެދުނުކެނޑި ދިނުމަށް އިތުބާރު ކުރެވޭ ފަދަ ވަސީލަތްތަކެއް ނޫން ކަމަށް ސިއްޙީ ޓީމުތަކުން ބުނެއެވެ. އަދި ތެޔޮ ނުލިބުމުގެ ސަބަބުން އެ ދެ ޖަނަރޭޓަރުވެސް ކޮންމެ ވަގުތެއްގައިވެސް ހުއްޓިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ޓެގް

ޣައްޒާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.