އާންމުކޮށް އަރިދަފުސް ރޯގާއަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރަނގަޅުވާ ބައްޔެއް ކަމަށް ގަބޫލުކުރެވުނު ނަމަވެސް، ބަލީގެ އަލާމާތްތައް ފިލައިދިޔަސް މި ވައިރަސް ހަށިގަނޑުން އެއްކޮށް ނުގޮސް ގިނަ ދުވަހު ފޮރުވިފައި ހުރެދާނެކަން އާ ދިރާސާއަކުން ހާމަވެއްޖެއެވެ.
ޔުނިވަރސިޓީ އޮފް ސައޮ ޕައޮލޯއިން ކުރި މި ދިރާސާއިން ދައްކާގޮތުގައި، އަރިދަފުސް ރޯގާ ގެނުވާ މައިގަނޑު ވައިރަސް ކަމަށްވާ ‘ރައިނޯވައިރަސް’ ކުޑަކުދިންގެ ކަރުތެރޭގައި، ހާއްސަކޮށް ޓޮންސިލް އަދި އެޑިނޮއިޑްސްގައި ފޮރުވިފައި ހުރެއެވެ. މިކަން ހޯދާފައިވަނީ ސިއްހީ އެކި ސަބަބުތަކާހުރެ ޓޮންސިލް އަދި އެޑިނޮއިޑްސް ނެގުމަށް އޮޕަރޭޝަން ކުރި، އެއްވެސް ބައްޔެއްގެ އަލާމާތެއް ނެތް 293 ކުއްޖެއްގެ ސާމްޕަލް ތަހުލީލު ކުރުމަށްފަހުއެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ކުދިންގެ ހަށިގަނޑުގައި މި ވައިރަސް ހުރިކަން ވަނީ ހާމަވެފައެވެ.
އާންމުކޮށް ރައިނޯވައިރަސްއަކީ ހަށިގަނޑުގެ ސެލްތަކަށް ހަމަލާދީ އެ ސެލްތައް އަވަހަށް ހަލާކުކޮށްލާ ވައިރަސްއެއް ނަމަވެސް، މި ހޯދުމުން އެނގުނު ގޮތުގައި މި ވައިރަސް ކަރުތެރޭގެ އެތެރޭގެ ފަށަލަތަކަށް ގޮސް ބަލިތަކުން ދިފާއުވުމަށް އެހީތެރިވެދޭ ސެލްތަކުގެ އެތެރެއަށް ވަދެއެވެ. އަދި އެ ސެލްތައް ހަލާކުނުކޮށް، ގިނަ ދުވަސްތަކެއް ވަންދެން ވައިރަސް ދިރިހުރެއެވެ.
މިކަމުގެ ސަބަބުން، ސްކޫލްތައް ހުޅުވޭ ދުވަސްވަރު ކުއްލިއަކަށް ރޯގާ ފެތުރިގެންދާ ސަބަބު ވެސް ސާފުވާ ކަމަށް ދިރާސާކުރި ފަރާތްތަކުން ބުނެއެވެ. އެއްވެސް އަލާމާތެއް ނުފެންނަ ކުދިންގެ ކަރުތެރޭގައި ވައިރަސް ހުރެ، އެހެން ކުދިންނާ އެކު އެއް މާހައުލެއްގައި އުޅޭއިރު، އެކަކު އަނެކަކުގެ ގަޔަށް ނޭނގި ސިއްރުން ވައިރަސް ފެތުރިގެން ދެއެވެ. މިއީ ސްކޫލް ހުޅުވޭތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރޯގާގެ އައުޓްބްރޭކެއް އަންނަ މައިގަނޑު ސަބަބު ކަމަށް ދިރާސާވެރިން ލަފާކުރެއެވެ.
މީގެ އިތުރުން، މިގޮތަށް ވައިރަސް ފޮރުވިފައި ހުރުމުގެ ސަބަބުން، ކެއްސުމާއި ކިނބިހިއެޅުން ފަދަ އަލާމާތްތައް ނުފެނި ކަންފަތުގެ އެތެރެއަށް އިންފެކްޝަން ގޮސް ކަންފަތު ބަލިތައް ކުރިމަތިވެދާނެ ކަމަށްވެސް ދިރާސާއިން ދައްކައެވެ. ހަމައެހެންމެ އެހެން ރޯގާއެއްގައި ކުދިން ހޮސްޕިޓަލަށް ގެންދެވޭއިރު، ކަރުން ނަގާ ޓެސްޓުތަކުން ކުރިން ފޮރުވިފައިވާ ރައިނޯވައިރަސް ދެއްކުމަކީ، އަސްލު ބަލި ދެނެގަތުމަށް ޑޮކްޓަރުންނަށް އޮޅުންއަރާފާނެ ކަމެއް ކަމުގައިވެސް މި ދިރާސާގައި ފާހަގަކޮށްފައިވެއެވެ.
މި ދިރާސާ ޖާނަލް އޮފް މެޑިކަލް ވައިރޮލޮޖީގައި ވަނީ ޝާއިއުކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...