އިސްރާއީލުން ޔޫއޭއީއަށް އަޔަން ޑޯމް ސިސްޓަމްތަކެއް ފޮނުވައި، އެ ގައުމާއެކު އޮތް އަސްކަރީ ގުޅުން އާ ހަރުފަތަކަށް ގެންގޮސްފައިވާކަން އެމެރިކާއިން އިސްރާއީލަށް ކަނޑައަޅާފައި ހުންނަ ސަފީރު މައިކް ހަކަބީ ދެއްކި ވާހަކަތަކުން ކަށަވަރުވެއްޖެއެވެ.
އިސްރާއީލުގެ މި އަމަލަކީ ޔޫއޭއީގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ނަމުގައި ކުރި ކަމެއް ނަމަވެސް، މީގެ ސަބަބުން އެ ސަރަހައްދުގައި އޮތް ނުތަނަވަސްކަން އިތުރަށް ބޮޑުވެ، ޔޫއޭއީ މިވަނީ ސީދާ އީރާނުގެ އަމާޒަކަށް ވެފައެވެ.
ހަކަބީ ހާމަކުރި ގޮތުގައި އިސްރާއީލުން ވަނީ އަޔަން ޑޯމް ބެޓަރީތަކުގެ އިތުރުން، އެ ތަކެތި އޮޕަރޭޓް ކުރާނެ ފަންނީ މީހުން ވެސް ޔޫއޭއީއަށް ފޮނުވާފައެވެ. އޭނާ ބުނީ މި ދެ ގައުމުގެ ގުޅުމަކީ ހަމައެކަނި ވިޔަފާރީގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ނޫން ކަމަށާއި، މިއީ “އާދަޔާ ހިލާފު” ބަދަހި ގުޅުމެއް ކަމަށެވެ.
ނަމަވެސް މި އަސްކަރީ ގުޅުމުގެ ނަތީޖާއަކަށްވީ، ޔޫއޭއީގައި ގާއިމުވެފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) އިން ވަރުގަދަ ހަމަލާތަކެއް ދޭން ފެށުމެވެ. އިސްރާއީލުގެ އެހީތެރިކަމާއެކު ޔޫއޭއީން އަސްކަރީ ފިޔަވަޅުތައް އެޅި ނަމަވެސް، އީރާނުގެ މިސައިލްތައް ވަނީ އެމެރިކާގެ މަރުކަޒުތަކަށް ކާމިޔާބުކަމާއެކު އަރާފައެވެ.
އިސްރާއީލާއި ޔޫއޭއީއާ ދެމެދު ސިއްރު އަސްކަރީ އެއްބަސްވުންތަކެއް އޮންނަ ކަމަށް އީރާނުން މީގެ ކުރިން ބުނަމުންދިޔަ ވާހަކަތަކަށް ހަކަބީގެ މި ވާހަކަތަކުން ވަނީ އިތުރު ހެކި ލިބިފައެވެ. މިކަމުގެ ސަބަބުން މުޅި މެދުއިރުމަތީގެ މަސްރަހު އިތުރަށް ހޫނުވެ، ޔޫއޭއީއަކީ މިހާރު ހަނގުރާމައިގެ މައިދާނަކަށް ވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...