ސަރުކާރުގެ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ނ. މާޅެންދޫ އާއި ނ. ކުޑަފަރީގައި ފެނަކަ ކޯޕަރޭޝަނުން ތަރައްޤީކުރި ކުޑަކުދިންގެ ޕާކުތައް ރަސްމީކޮށް ހުޅުވައި، ބޭނުންކުރަން ފަށައިފިއެވެ.
މި ދެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުތަކުގައި ޕާކުތައް ހުޅުއްވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފު ހުސައިންއާއި، ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު އަފޫ ހާމިދު އަދި މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރު އަޙުމަދު ސާލިމެވެ. މި ރަސްމިއްޔާތުތަކުގައި ދެ ރަށުގެ ކައުންސިލް މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އިތުރުން ގިނަ އަދަދެއްގެ ރައްޔިތުންނާއި ކުޑަކުދިން ބައިވެރިވިއެވެ.
މިދިޔަ އަހަރުގެ މާރިޗު 29 ގައި ފެނަކައާ ހަވާލުކުރެވުނު މި މަޝްރޫޢުތަކުގެ ދަށުން، ޕާކުތަކަށް ބޭނުންވާ ކުޅޭ ސާމާނު ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ އިތުރުން ލޭންޑްސްކޭޕިންގެ މަސައްކަތްތައް ވަނީ ފުރިހަމަކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ މި މަޝްރޫޢުތަކުގެ މައިގަނޑު މަޤްޞަދަކީ ރަށްރަށުގެ އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކޮށް، ކުޑަކުދިންނަށް ރައްކާތެރިކަމާއެކު ކުޅިވަރުކުޅެ އާއިލާތަކަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުޑަކުދިންގެ ޕާކުތައް ތަރައްޤީކޮށް ނިންމާލުންކަމަށް ސަރުކާރުން ބުނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...