އަދުގެ ޒުވާނުންނަކީ ގައުމުގެ އެންމެ ބޮޑު އެއް ބާރުކަން ފާހަގަކުރައްވައި، ތައުލީމީ ދާއިރާއިން އަމަލީ މަސައްކަތުގެ މައިދާނަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް ސަރުކާރުން ޒުވާނުންނަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 45 އިންސައްތަ ހިއްސާކުރާ ޒުވާނުންގެ އުފެއްދުންތެރިކަމާއި ކަންކަމުގައި ދައްކާ ސާބިތުކަމަކީ މުޅި މުޖުތަމައު ބައްޓަންކުރުމުގައި އެންމެ މުހިންމު ދައުރު އަދާކުރާ އެއް ވަސީލަތް ކަމަށެވެ. އެހެންކަމުން ޒުވާނުންގެ އުންމީދުތަކުގައި ކުލަޖައްސައިދީ، މާނަހުރި ވަޒީފާގެ ފުރުސަތުތަކާއި މަތީ ތައުލީމުގެ މަގުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ އިސް އަމާޒެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޒުވާނުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރިއަށްގެންދާ “ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް” އާއި “ނޭޝަނަލް ސާވިސް ޕްރޮގްރާމް” ފަދަ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ ދީނީ، ތައުލީމީ، ސައިންސް އަދި ކުޅިވަރުގެ ދާއިރާއިން ދިވެހި ޒުވާނުން ހޯދަމުންދާ ކާމިޔާބީތަކަށް ސާބަސް ދެއްވާފައެވެ. އަދި ޒުވާނުންގެ ހިޔާލުތަކާއި އަޑުތަކަކީ ގައުމީ ތަރައްގީގައި އަގުހުރި ހިއްސާއެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 12 ވަނަ ދުވަސް ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުންދާއިރު، މި ދުވަހުގެ މުނާސަބަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުންވެސް ވަނީ ދިވެހި ޒުވާނުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...