އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓްނަމް ހޮޓްސްޕަރގެ ކެޕްޓަން ކްރިސްޓިއަން ރޮމޭރޯ, 40 މިލިއަން ޔޫރޯގެ ބޮޑު ފީއަކަށް ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑަށް ބަދަލުވެއްޖެއެވެ.
އާޖެންޓީނާގެ ގައުމީ ޓީމާއެކު ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ އުމުރުން 28 އަހަރުގެ މުހިންމު ޑިފެންޑަރު ހޯދުމަށް ލަންޑަންގެ ވާދަވެރި އާސެނަލުންވެސް މީގެ ކުރިން މަސައްކަތް ކުރިއެވެ. ނަމަވެސް ޓޮޓްނަމްއިން ވަނީ އެ ސިޓީގެ ވާދަވެރި ކްލަބަކަށް އޭނާ ވިއްކާލުމަށް ދެކޮޅު ހަދާފައެވެ.
2021 ވަނަ އަހަރު ފުރަތަމަ ލޯނު އެއްބަސްވުމެއްގެ ދަށުން ޓޮޓްނަމްއާ ގުޅުނު ރޮމޭރޯ ވަނީ ފަހުން އެ ކްލަބާއެކު ދާއިމީ ކޮންޓްރެކްޓެއް ހަދާފައެވެ. އަދި ފާއިތުވި ފަސް އަހަރުގެ ތެރޭގައި އެ ކްލަބުގެ ފަހަތް ބަލަހައްޓައިދީ 156 މެޗުން 13 ލަނޑު ކާމިޔާބުކޮށްދީފައެވެ.
ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން އެތްލެޓިކޯ މެޑްރިޑުން ސޮއިކުރި ހަތަރުވަނަ ކުޅުންތެރިޔާއަށް ރޮމޭރޯ ވެގެންގޮސްފައިވާއިރު, އޭނާއަކީ އެތްލެޓިކޯގެ ކޯޗު ޑިއެގޯ ސިމިއޯނީއާވެސް ބަދަހި ގުޅުމެއް އޮންނަ ކުޅުންތެރިއެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...