ބޭރުގެ ނުފޫޒުތަކާއި ބާރުތަކުގެ މުށުތެރެއަށް ދިވެހިރާއްޖެ ދިޔަ ނުދީ، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ވަރުގަދަ އަޒުމެއް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދިވެހި ރައްޔިތުންނަށް ގޮވާލައްވައިފިއެވެ.
މިއަދު ފާހަގަކުރަމުންދާ ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގެ މަންސައެއް ކަމަށްވާ ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ މީގެ 467 އަހަރު ކުރީގެ މާޒީއަށް ބައްލަވާލައްވާފައެވެ. އެގޮތުން ޕޯޗުގީޒުންގެ އަނިޔާވެރި އިސްތިޢުމާރީ އަޅުވެތިކަމުން ރާއްޖެ މިންޖުކޮށްދެއްވި ހިތްވަރުގަދަ ޤައުމީ ބަޠަލުންގެ އަގުހުރި ޖިހާދާއި އެބޭފުޅުން ހޯއްދެވި ކާމިޔާބީގެ ހަނދާންތައް ރައީސް އާކުރެއްވިއެވެ.
މާޒީގައި ބޭރުގެ ބާރުތަކުގެ މުށުތެރެއަށް ރާއްޖެ ދިޔަ ކޮންމެ ފަހަރަކުވެސް ފެންނަން އޮތް ހިތި ޙަޤީޤަތަކީ، އަމިއްލަ އެދުން ބޮޑުވެފައިވާ ދިވެހިންގެ ތެރެއިން ބަޔެއްގެ ޚިޔާނާތްކަން ރައީސްގެ މެސެޖުގައި ފާހަގަކުރެއްވިއެވެ. އެހެންކަމުން މުސްތަޤުބަލުގައި އެފަދަ ހިތި ތަޖުރިބާތަކެއް ތަކުރާރުވިޔަ ނުދިނުމަށް ގަދައަޅައި މަސައްކަތްކުރުމަށާއި، ޤައުމަށް ނިކަމެތިކަން ލިބޭފަދަ ފިތުނަފަސާދަތަކަށް ފުރުޞަތު ނުދިނުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ދިވެހި ރައްޔިތުންނަށް ޤައުމީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވަމުން، ‘އެންމެ ފުރަތަމަ ޤައުމު’ މި ޝިޢާރު އިސްކޮށް، ކޮންމެ ދިވެއްސެއްގެ ހިތުގައިވެސް ޤައުމިއްޔަތުގެ ވިންދާއި ރޫޙު ދެމެހެއްޓުމަށް ރައީސް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. ރާއްޖޭގައި ޤައުމީ ދުވަސް ފާހަގަކުރަނީ އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޡަމް، ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންކުރެއްވި ތާރީޚީ ހާދިސާގެ ޒިކުރާ އާކުރުމަށް ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހުއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...