ޚަބަރު ދިވެހީންނަކީ އަބަދުވެސް ޤައުމީ ވިސްނުން އިސްކުރާ ބައެއްކަން ރައީސް ހަނދާންކޮށްދެއްވައިފި

ދިވެހީންނަކީ އަބަދުވެސް ޤައުމީ ވިސްނުން އިސްކުރާ ބައެއްކަން ރައީސް ހަނދާންކޮށްދެއްވައިފި

ދިވެހީންނަކީ އަބަދުވެސް ޤައުމީ ވިސްނުން އިސްކުރާ ބައެއްކަން ރައީސް ހަނދާންކޮށްދެއްވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގެ ތާރީޚަށް ބަލާއިރު މަދު ބަޔަކު މަގުއޮޅިގެން ދިޔަ ނަމަވެސް، ދިވެހީންނަކީ އަބަދުވެސް ޤައުމާއި ދީން އިސްކުރާ ބައެއްކަން ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަނދާންކޮށްދެއްވައިފިއެވެ.

އެމަނިކުފާނު މިކަން ފާހަގަކުރެއްވީ، ޤައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ، ޕޯޗުގީޒުންގެ އަޅުވެތިކަމުގެ ދަށަށް ރާއްޖެ ދާން މެދުވެރިވި ސަބަބުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ނުވަވަނަ ޙަސަން ރަސްގެފާނު އަމިއްލަ އެދުމާއި ތަޚުތުގެ ބޭނުމުގައި، ޕޯޗުގީޒުންގެ އެހީތެރިކަން ހޯއްދަވައި ދީނުގެ ޙުރުމަތް ކަނޑުއްވާލެއްވިކަން ފާހަގަކުރެއްވިއެވެ. ނަމަވެސް، އެ ނާޒުކު ދަނޑިވަޅުގައިވެސް ދިވެހި ރައްޔިތުން ނިންމީ ޤައުމާއި އިސްލާމްދީނުގެ ދިފާޢުގައި ތެދުވުމަށްކަމަށާއި، ޤައުމީ ލޯތްބަށް “އާނއެކޭ” ބުނުމަކީ ލިބޭ ވަރަށް މަތިވެރި ނަސީބެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޤައުމީ ޖިހާދަކީ މުޅި ރާއްޖެ އެކުވެގެން ކުރި މަސައްކަތެއްކަން ސާބިތުކޮށްދެއްވަމުން ރައީސް ވަނީ ކަޅުއޮއްފުންމީގެ މިސާލު ނަންގަވާފައެވެ. ބޮޑުތަކުރުފާނު އިސްވެ ހުންނަވައިގެން ޕޯޗުގީޒުންނާ ދެކޮޅަށް ހަނގުރާމަކުރެއްވުމަށް ބެންނެވި މި އޮޑި ބަނުމަށްޓަކައި، ރާއްޖޭގެ އެކި ކަންކޮޅުތަކުން 40 ރަށެއްގެ 40 މާވަޑިން ބައިވެރިވިކަމީ، ޤައުމުގެ ސަލާމަތަށްޓަކައި މުޅި ރައްޔިތުން އެއްބައިވަންތަވިކަމުގެ ފުރިހަމަ ހެތްކެއްކަމަށް ވިދާޅުވިއެވެ. އަދި ޤައުމުގެ ޙައްޤުގައި ލެޔާއި ދާ އޮހޮރުވުމަކީ ވަކި ފަންތިއަކަށް ބެލުމެއްނެތި ދިވެހިންގެ ކިބައިގައި ހުންނަ ޤައުމީ މާތް ސިފައެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މާޒީން އިބުރަތް ޙާސިލުކޮށް، މިއަދުގެ ޖީލުތަކަށް އެ ޒަމާނަކާ ގުޅޭ ޢިލްމާއި ހުނަރު އުނގަންނައިދިނުމުގެ މުހިންމުކަންވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. ދިވެހިންނަކީ ކަނޑުގެ ދަރިންކަމަށްވާއިރު، އުތީމު މަހާރަދުންނަކީވެސް ކަނޑުމައްޗަށް ނުހަނު ފަރިތަ، އަހުލުވެރި ބޭފުޅެއްކަން ތާރީޚުން އެނގެން އޮތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަބަދުވެސް ދިވެހިން ތިބެންވާނީ އިސްލާމްދީނާއި ޤައުމީ ސިޔާދަތުގެ ދިފާޢުގައި، މިނިވަންކަންމަތީގައިކަން ޤައުމީ ދުވަސް ހަނދާންކޮށްދޭކަމަށް ވިދާޅުވިއެވެ.

ޤައުމީ ދުވަސް ނިސްބަތްވަނީ، މީލާދީން 1573 ވަނަ އަހަރު އުތީމު އަލްޣާޒީ މުޙައްމަދު ތަކުރުފާނު އަލްއަޢުޒަމް (ބޮޑުތަކުރުފާނު) ޕޯޗުގީޒުންގެ 15 އަހަރުވީ އަނިޔާވެރި އިސްތިޢުމާރީ ވެރިކަމުން ރާއްޖެ ސަލާމަތްކުރެއްވި ފަޚުރުވެރި ތާރީޚަށެވެ. ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަސް ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަން ފެށީ ހިޖުރީ ގޮތުން 1365 ވަނަ އަހަރުއެވެ. މިއީ ދިވެހިންގެ މިނިވަންކަމާއި އިސްލާމްދީނަށްޓަކައި ކާބަފައިން ވެފައިވާ މަތިވެރި ޤުރުބާނީތަކުގެ ހަނދާން އާކޮށް، ޤައުމީ ރޫޙު އާލާކުރުމަށް ރާއްޖޭގައި ފާހަގަކުރާ އެންމެ މުހިންމު އެއް މުނާސަބަތެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޤައުމީދުވަސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.