ދ. ކުޑަހުވަދޫގެ ބޮޑު ފަޅު ފަތުރުވެރިކަމުގެ މަންޒިލަކަށް ބަދަލުކޮށް، އެތަނުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ފަށައިފިއެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް ފުރުސަތު ހުޅުވާލައި ސަރުކާރުން ނެރުނު ބީލަން އިއުލާނުގައިވާ ގޮތުން، ކުޑަހުވަދޫގެ އިތުރުން ގއ. އަތޮޅުގެ ހަތަރު ރަށަކާއި ގދ. އަތޮޅުގެ ރަށެއްގައި އިންޓަގްރޭޓެޑް ޓޫރިޒަމް ރިސޯޓް ހެދުމަށްވެސް ވަނީ ހުޅުވާލާފައެވެ.
މި މަޝްރޫއަށް ކަނޑައަޅާފައިވާ ކުޑަހުވަދޫ ފަޅަކީ ޖުމްލަ 200 ހެކްޓަރުގެ ބޮޑު ސަރަހައްދެކެވެ. މީގެ ތެރެއިން 164.3 ހެކްޓަރަކީ ތިލަ ފަޅު ސަރަހައްދު ކަމަށް ގެޒެޓުކޮށްފައިވާ އިއުލާނުގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ރަށުގެ އެންމެ ބޮޑު ގުދުރަތީ ވަސީލަތް ކަމަށްވާ ފަޅުގައި މިފަދަ މަޝްރޫއެއް ހިންގަން ނިންމިއިރު، ރަށުގެ ރައްޔިތުންނާ އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާތީ ކުޑަހުވަދޫގެ އާންމުންގެ މެދުގައި ވަނީ ނުރުހުމާއި ކަންބޮޑުވުން އުފެދިފައެވެ.
ދާލު އެއާޕޯޓާއެކު ހަލުވިކަމާއެކު ތަރައްގީވަމުން އަންނަ ކުޑަހުވަދޫއަކީ، ލާމަރުކަޒީ ނިޒާމުގެ ދަށުން މުޅި ސަރަހައްދަށް ޚިދުމަތްދޭ މައި މަރުކަޒެއް ނުވަތަ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ހަތް ރަށުގެ ތެރޭގައި ހިމެނޭ މުހިންމު ރަށެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...