“ކުޑަކުދީންގެ ޙައްޤުތައް” މި މައުޟޫއަށް ޚާއްޞަކޮށްގެން ދިން މި ހުތުބާގައި ފާހަގަކުރި ގޮތުގައި، ދުނިޔޭގެ މުޢާޙަދާތަކާއި ޤާނޫނުތައް ވުޖޫދަށް އައުމުގެ މާކުރިން އިސްލާމީ ޝަރީޢަތުގައި ވަނީ ކުޑަކުދިންގެ ޙައްޤުތައް އެންމެ ފުރިހަމައަށް ރައްކާތެރިކޮށްދީފައެވެ. އަދި އުންމަތުގެ ކުދިންނަށް ރައްކާތެރި، އަމާން މާޙައުލެއްގައި ހެދިބޮޑުވުމުގެ މަގު ފަހިކޮށްދިނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް ކަމަށްވެސް ހުތުބާގައި ބަޔާންކުރިއެވެ.
މައިންބަފައިންނާ ޙަވާލުކުރައްވާފައިވާ އަގުހުރި އަމާނާތެއް ކަމަށްވާ ކުޑަކުދިންނަށް ހުރިހާ ޙާލަތެއްގައިވެސް އިހުމާލުނުވެ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ މައިންބަފައިންގެ އިތުރުން މުޅި މުޖުތަމަޢުގެ މައްޗަށް އޮތް ލާޒިމު ވާޖިބެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މީގެއިތުރުން، ފާއިތުވި ހަފުތާގެ ތެރޭގައި ހިނގި އެކްސިޑެންޓެއްގައި ކުއްޖަކަށް އަނިޔާވުމާއި، ޢިމާރާތެއްގެ މަތިން ވެއްޓި ތުއްތު ކުއްޖަކު ނިޔާވި ހިތާމަވެރި ހާދިސާތަކަށް އަލިއަޅުވާލައި، ކުދިންނަށް އިހުމާލުނުވުމަށް ހުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކުދިންނަށް ރިވެތި ނަން ކިޔުމާއި، އިސްލާމީ ރިވެތި ތަރުބިއްޔަތު ދިނުމުގެ އިތުރުން އަނިޔާވެރިކަމާއި ތަފާތުކުރުންތަކުން އެކުދިން ސަލާމަތްކުރުމަކީ ލިބިދޭންޖެހޭ އަސާސީ ޙައްޤުތަކެއްކަން ހަނދާންކޮށްދިނެވެ.
ކުޑަކުދިންނަށް އިހުމާލުވެ، ލާއިންސާނީ އަނިޔާތައް ކުރާ މީހުން މުޖުތަމަޢުގައި އުޅޭކަމީ ހިތާމަހުރި ކަމެއްކަން ފާހަގަކުރަމުން، ކުޑަކުދިންނަށް އޯގާތެރިނުވާ މީހުންނަކީ މުސްލިމުންގެ ތެރެއިންވާ ބައެއް ނޫންކަމަށް ކީރިތި ރަސޫލާގެ ޙަދީޘްފުޅެއްގައި އައިސްފައިވާކަން ހުތުބާގައި ބަޔާންކުރިއެވެ.
އެހެންކަމުން ކުޑަކުދިންނަށް އިހުމާލުވެ އަނިޔާވެރިވާ ފަރާތްތަކަށް އިސްލާމީ ޝަރީޢަތާއި ރާއްޖޭގެ ޤާނޫނުތަކުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ކަމާބެހޭ މުއައްސަސާތަކަށާއި މަސްއޫލުވެރި އެންމެހައި ފަރާތްތަކަށް މިއަދުގެ ހުތުބާގައި ވަނީ ގޮވާލާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...