ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމާއި ކިސަޑު ފޭބުމުގެ ހާދިސާތަކުގައި ލިބުނު ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، ދިވެހި ސަރުކާރުން އެ ގައުމަށް އެއް މިލިއަން ރުފިޔާގެ މާލީ އެހީއެއް ފޯރުކޮށްދީފި އެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި މި އެހީ ހަދިޔާކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވީ، ނޭޕާލްގެ “ޕްރައިމް މިނިސްޓާ ޑިޒާސްޓާ ރިލީފް ފަންޑު” މެދުވެރިކޮށް ހާލުގައި ޖެހިފައިވާ އާއިލާތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އަދި މިއީ ސަރަހައްދީ ގައުމުތަކުގެ އެއްބައިވަންތަކަން ހާމަކޮށްދިނުމަށާއި، މިފަދަ ހިތާމަވެރި ވަގުތުތަކުގައި އެ ގައުމުގެ ރައްޔިތުންނާ އެކު ދިވެހިރާއްޖެ ސާބިތުވެ އޮތްކަން އަންގައިދިނުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ މިދިޔަ އޮގަސްޓު މަހުގެ 26 ވަނަ ދުވަހު ނޭޕާލާއި ޗައިނާގެ ބޯޑަރު ސަރަހައްދުގެ ފަރުބަދަމަތިން ބިޔަ ގަނޑުފެންގަނޑެއް ނުވަތަ ގްލޭސިއާއެއް ކަނޑައިގެން ގޮސް، އުފެދުނު ބާރުގަދަ ފެންބޮޑުވުމުގެ ސަބަބުންނެވެ.
އެންމެ ފަހުގެ ރަސްމީ ތަފާސްހިސާބުތަކަށް ބަލާއިރު މި ކާރިސާގައި ނޭޕާލުން މަރުވި މީހުންގެ އަދަދު ވަނީ 1،114 އަށް އުފުލިފަ އެވެ. އަދި ބޯޑަރުގެ އަނެއް ފަރާތުން ޗައިނާގެ ސަރަހައްދުން ވެސް 16 މީހަކު މަރުވެފައިވާއިރު، ބޭރުގެ 583 ފަތުރުވެރިން ހިމެނޭހެން 4،462 މީހަކު އަދިވެސް ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ.
ހަލާކުވެފައިވާ މަގުތަކާއި އުނދަގޫ ހާލަތްތަކާ އެކު ވެސް މީހުން ސަލާމަތްކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާއިރު، މިހާތަނަށް 12،000 އެއްހާ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ގެންގޮސްފަ އެވެ. ނަމަވެސް، ތްރިޝޫލީ ކޯރު ކައިރީގައި ހުރި ހައިޑްރޯޕަވަ މަޝްރޫއުތައް ހިންގާ ސަރަހައްދުގައި 500 އާއި 600 އާ ދެމެދުގެ އަދަދަކަށް މީހުން ތާށިވެފައި ތިބުމުން ސިފައިންނާއި ޚާއްސަ ޓީމުތަކުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
އދ. އިން ރިޕޯޓްކޮށްފައިވާ ގޮތުގައި 65،000 އަށް ވުރެ ގިނަ މީހުން ސާފު ބޯފެނާއި ސާފުތާހިރުކަމުގެ އަސާސީ ޚިދުމަތްތަކަށް ބޭނުންޖެހިފައި ތިބިއިރު، އެ ގައުމުގެ ފޮރިން މިނިސްޓަރު ޝިޝީރު ޚާނާލް ވަނީ ގެއްލުންތަކުން އަރައިގަނެ ގައުމު އަލުން ބިނާކުރުމަށް އެތައް ބިލިއަން ޑޮލަރެއްގެ ބޭރުގެ އެހީ ބޭނުންވާނެ ކަމަށް ވިދާޅުވެފަ އެވެ.
ދިވެހިރާއްޖެ އާއި ނޭޕާލާ ދެމެދު ސިޔާސީ ގުޅުން 1980 ވަނަ އަހަރު ގާއިމުކުރި ފަހުން، ސާކުގެ މެންބަރު ގައުމެއްގެ ގޮތުގައި އޮންނަނީ ވަރަށް ގާތް ރަހުމަތްތެރި ގުޅުމެކެވެ. ޚާއްސަކޮށް ސިއްހީ ދާއިރާއިން ޑޮކްޓަރުކަން ކިޔެވުމަށް ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ނޭޕާލްގެ ޔުނިވާސިޓީތަކުގައި ތައުލީމު ހާސިލުކުރަމުންދާތީ، ދެ ގައުމުގެ ދެމެދުގައި އޮންނަ އިޖުތިމާއީ އަދި ތައުލީމީ ގުޅުން އަބަދުވެސް ފާހަގަކުރެވެ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...