މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިއަދު މާލެ ވަޑައިގަތުމުން ދިވެހި ސަރުކާރުގެ ފަރާތުން އެމަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދަންނަވައިފިއެވެ.
މި ރަސްމީ މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޖުމްހޫރީ މައިދާނުގެ ރަސްމީ ފާލަމުގައި ކަމަށްވާއިރު، އެމަނިކުފާނަށް އިއްޒަތުގައި މަރުހަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މި މަރުހަބާ ދެންނެވުމުގެ ޚާއްޞަ ޙަފުލާގައި މެލޭޝިއާގެ ބޮޑުވަޒީރަށް މަރުހަބާ ދެންނެވުމުގެ ގޮތުން 21 ބަޑީގެ ސަލާމެއް އެރުވުމާއެކު، އެމްއެންޑީއެފްގެ ބޭންޑުން ވަނީ ދެ ޤައުމުގެ ޤައުމީ ސަލާމް ކުޅެފައެވެ. އަދި މި ރަސްމިއްޔާތު ފުރިހަމަކޮށްދިނުމުގެ ގޮތުން ސްކޫލް ދަރިވަރުންގެ ސަގާފީ ނެށުމުގެ ހުށަހެޅުމެއް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް ސަރުކާރުން ހާމަކުރެއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓު ވަޒީރުންނާއި، ދައުލަތުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ރަސްމީ މަރުހަބާ ދެންނެވުމަށްފަހު، ހަތްކޮޅުގައި ބޮޑުވަޒީރު އަންވަރު ރައީސް އޮފީހަށް ވަޑައިގެން، އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ވަނީ ސޮއިކުރައްވާފައެވެ. މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ރަސްމީ މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މީގެއިތުރުން، ދެ ޤައުމުގެ ދެމެދުގައި ބައެއް ފަހުމުނާމާތަކުގައި ސޮއިކުރުމާއި، މަޝްވަރާތަކުގެ ނަތީޖާއާ ގުޅޭގޮތުން ދެ ލީޑަރުން ނޫސްވެރިންނަށް ބަޔާނެއް ދެއްވުން ވެސް ކުރިއަށްދާނެއެވެ.
މިއީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު މެލޭޝިއާގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އަންވަރު އިބްރާހީމް ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅަކީ ވޭތުވެދިޔަ އަހަރުގެ އޭޕްރީލް މަހު ރައީސް ޑރ. މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެރުވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ރަސްމީ ރިޕޯޓުތައް ބުނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...